ރާއްޖެގައި ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުމުގައި 60 އަހަރުން މަތީގެ މީހުންނަށް އިސްކަން ދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެ އެޖެންސީން ބުނީ، މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުން އަންނަ ދެ ސެންޓަރުން ވެކްސިން ޖަހައިދިނުމުގައި ދެ ބަޔަަކަށް އިސްކަން ދޭނެ ކަމަށެވެ. އެ ގޮތުން އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިން އެވެ. މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.
ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17 ގައެވެ. ސިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް އޭޕްރީލް 20 ވަނަ ދުވަހު ފަށާފައިވާއިރު މިހާރު ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރު ފިޔަވާ އެހެނިހެން ސެންޓަރުތަކުން ސިނޯފާމް ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދާދި ފަހުން ވަނީ މާލެ ސަހަރައްހަދުގައި ވެކްސިން ޖަހަމުން ދިޔަ ގޮތަށް ގެނެސްފައިވާ މި ބަދަލާއެކު ކޮވިޝީލްޑް ވެކްސިން ޖަހައިދޭ ދެ ސެންޓަރުން ވެސް ވެކްސިން ޖަހައިދެނީ ހަމައެކަނި ދެވަނަ ޑޯޒް ޖަހާ މީހުންނަށް އެކަންޏެވެ.
ބާކީ ހުރި ސެންޓަރުތަކުން މި ފަހުން ޖަހައިދެމުން އަންނަނީ ސީނޯފާމް ވެކްސިންއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުނަގައި މިވަގުތު ރާއްޖޭގައި ކޮވިޝީލް ވެކްސިންގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި އެ ވެކްސިންގެ އިތުރު ޑޯޒް ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.