ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވެއްގެ ގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ އެ އެންގުން އަންގާފައި ވަނީ ހަފްތާއެއްގެ މުއްދަތަށް ކަމަށެވެ.

އެގޮތަށް އެންގިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭން ޖެހޭނެކަމަށެވެ.

އަދި އެ ފިޔަވަޅު ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ވަނީ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައެވެ. އަދި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.

އެޗްޕީއޭން އެގޮތަށް އަންގާފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް ޕޮޒިޓިވްވާ އަދަދު ދަނީ އިތުރުވަމުންނެވެ.