ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވަމުން އަންނަ އަވަށްޓެރި ސްރީލަންކާއިން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށް، އާ ގައިޑްލައިން އާންމު ކޮށްފިއެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓެއް ލަންކާގައި ދައުރުވަމުން ދާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން 9276 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 124 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ކުރީ ހަފުތާގައި ލަންކާއިން ޕޮޒިޓިވްވެފައި ވަނީ 4147 މީހުންނެވެ.

ކޭސް ނަމްބަރު ދަށްވުމެއް ނެތި އަދަދުތައް އިތުރު ވަމުން ދިއުމާ ގުޅިގެން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާއިރު، ދީނީ ގޮތުން ހާއްސަ ހައިސިއްޔަތު ލިބިފައި ވާ ތަންތަނުގައި އެއްވުންތައް ބޭއްވުން މަނާ ކޮށްފައި ވާއިރު، ކައިވެނި ހަފުލާތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. މެއި 21ގެ ނިޔަލަށް މިކަން ތަންފީޒު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓްވެސް ލަންކާއިން ރެކޯދް ކޮށްފައި ވާއިރު، ސިއްހީ އޮފިޝަލުން ވަނީ ހައްސާސީ ސަރަހައްދުތައް މޮނިޓާ ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ.

ލަންކާގެ ހެޑް އޮފް ކޮވިޑް ޕްރިވެންޝަން، އާމީ ޗީފް ޖެނެރަލް ޝަވޭންދްރާ ސިލްވާ ވިދާޅުވީ، އިގުތިސޯދީ ގޮތުން ކޮށްފާނެ އަސަރަކަށް ބަލާ، މުޅި ގައުމު ލޮކްޑައުން ކުރުމަށް ސަރުކާރުން ފަސްޖެހޭ ކަމަށެވެ.

އިތުރު އެއްޗެއް އަންގަންދެން، ސިނަމާތަކާ، ކުޑަކުދިން ކުޅެން ހާއްސަ ޕާކުތަކާ، ފަތާ ފެންގަނޑުތަކުގެ އިތުރުން މުނިފޫހިފިލުވުމަށް ހާއްސަ ކެފޭތަކާ، ސްޕާތައް ބަންދުވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ވަކި އެއްޗެއް އަންގަންދެން ލަންކާގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ސްރީލަންކާއަކީ، ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިގެން ދިރިއުޅެމުން އަންނަ ގައުމެވެ.