ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވަރުގަދަ ތޫފާނީ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި އިންޑިއާއަށްވެސް ވެކްސިން ސަޕްލައިގެ ދަތިކަން ކުރިމަތިވެ، އެކަށީގެންވާ ރޫހެއްގައި ވެކްސިން މަޝްރޫއު ކުރިއަށް ނުގެންދެވިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން އަންނަ އިންޑިއާގައި ކޮވިޑް ވެކްސިން ޖެހުމުގެ އުސޫލުތައް ހަމަޖައްސާފައި ވާ ގޮތުން، އެ ގައުމުގެ އާބާދީގެ، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެއެވެ. ނަމަވެސް، މި އުސޫލުން ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް ބޭނުންވާ ވެކްސިންގެ ސަޕްލައި ލިބިފައި ނެތް ކަމަށް، ބައެއް ސްޓޭޓްތަކުން ދަނީ ބުނަމުންނެވެ.

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގަނީ / ފައިލް ފޮޓޯ: ބްލޫމްބާގު

އިންޑިއާގެ ވެކްސިން ކެމްޕޭން ކުރިއަށް ގޮސްފައި ވާ ގޮތަށް ބަލާއިރު، މިހާތަނަށް 150 މިލިއަން ޑޯޒްގެ ވެކްސިން ވަނީ ދީފައެވެ. އެއީ އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީއަށް ބަލާއިރު 11.5 ޕަސެންޓްއެވެ.

އިންޑިއާއަކީ ބައިނަލްއަގުވާމީ މުޖުތަމައަށް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން ފޯރުކޮށްދެމުންދިޔަ "ދުނިޔޭގެ ފާމަސީ"އެވެ. ކޮވިޑް-19އިން ދިފާއުވުމަށް، އޮކްސްފޯޑް ޔުނިވާސިޓީއާ އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް، ސީރިއަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ދަނީ ކޮވިޝީލްޑްގެ ނަމުގައި ވެކްސިނެއް އުފައްދަމުންނެވެ. ނަމަވެސް އިންޑިއާއިން މިހާރު ވަނީ، ދޭސީ ބޭނުންތަކަށް ވެކްސިން ސަޕްލައި ކަށަވަރު ކުރުމުގެ ގޮތުން، އެ ގައުމުން ބޭރަށް ވެކްސިން އެކްސްޕޯޓް ކުރުންވެސް މަޑުޖައްސާލާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ކޮވިޑް ވެކްސިން ކާރުހާނާއެއް ބައްލަވާލައްވަނީ / ފައިލް ފޮޓޯ: ކުއިންޓް

ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ 12 މިލިއަން މީހަކު ވަނީ ކޮވިޑް ވެކްސިނަށް އެދި ދަފުތަރު ކޮށްފައެވެ. ނަމަވެސް މަދްޔަ ޕްރަދޭޝްއާއި ކޮވިޑްގެ ނުރައްކާ އެންމެ ނުރައްކާ ބޮޑުވެފައިވާ މަހާރާޝްތުރާ ސްޓޭޓުން ވަނީ، ސަޕްލައިގެ މައްސަލަ ކުރިމަތިވެ، މި އުމުރު ފުރާއަށް ވެކްސިން ދޭން އަދި ނުފެށޭނެ ކަމަށް ބުނެފައެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވީންދު ކެޖްރިވާލް ވަނީ ވެކްސިނަށް އެދި ކިއު ނުހެދުމަށް އެ ސިޓީގެ ރަށްވެހިންނަށް ގޮވާލައްވާފައެވެ. ޗީފް މިނިސްޓަރު ވިދާޅުވީ، ދިއްލީއަށްވެސް އަދި ވެކްސިން ޑޯޒްތައް ނުލިބޭ ކަމަށެވެ.

ކަން މިހެން އޮތް އިރު، ޔުނިވާސިޓީ އޮފް މިޝިގަންގެ ބައޮސްޓެޓިސްޓީޝަން، ބްރަމާރް މުކަރުޖީ ވަނީ، ދުވާލެއްގެ މައްޗަށް ޖަހާ 3 މިލިއަން ޑޯޒްއިން ފުއްދާލައިގެން ތިބުމުގެ ބަދަލުގައި، ދުވާލަކު 10 މިލިއަން ޑޯޒްގެ ވެކްސިން ޖަހަމުން ދާން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

އިންޑިއާގެ މައި ސަރުކާރުގެ ވެކްސިން ސިޔާސަތު ބުނާ ގޮތުގައި، ވެކްސިން އުފައްދާ ކުންފުނިތަކުގެ އަތުން ސީދާ ގޮތުން ވެކްސިން ގަތުމުގެ ފުރުސަތު، ސްޓޭޓް ސަރުކާރުތަކާ ހޮސްޕިޓަލްތަކަށް ލިބިގެންވެއެވެ. ނަމަވެސް، މައްސަލައަކަށް ވަނީ ވެކްސިންގެ ސަޕްލައި ނެތް ކަމުގެ މައްސަލައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިންޑިއާގެ މުޅި އާބާދީއަށް ވެކްސިން ޑޯޒް ޖަހާ ނިންމާލުމަށް އެތައް އަހަރެއް ހޭދަވާނެއެވެ. އެކަމަކު، އެއީ މުޅި ދުނިޔެއަށް މަޑުކޮށްގެން އޮވެވޭނެ މުއްދަތެއްތޯ ސުވާލު ކުރަން ޖެހެއެވެ. އެންމެނަށް ވެކްސިން ޖެހިގެން ނޫނީ، ކޮވިޑް-19 އިން ސަލާމަތް ވެވެން ނެތް ކަމަށް، ދާއިރާގެ ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.