ދުނިޔެ ދެކެފައި ނުވާ ފަދަ ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާގައި ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް، ގައުމީ ފެންވަރުގެ ލޮކްޑައުން އަމުރެއް ތަންފީޒު ކުރުމަށް، ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ތަޖުރިބާކާރު ސައެންޓިސްޓް، ޑރ އެންތަނީ ފައޫޗީ ގޮވާލައްވައިފިއެވެ.

އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ފައޫޗީ ވިދާޅުވީ އިންޑިއާއަށް މިވަގުތު އެންމެ މުހިންމީ އޮކްސިޖަންއާ، ބޭސް ފަރުވާގެ ޑްރަގާ، ހަށި ރައްކަލަށް ބޭނުން ކުރާ ޕީޕީއީ ފަދަ ސާމާނު ހޯދުން ކަމަށެވެ. ހަމަ އެހެންމެ، މިހާރުން މިހާރަށް މުޅި ގައުމު ލޮކްޑައުންކުރުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޑރ ފައޫޗީ ވަނީ ގޮވާލައްވާފައެވެ.

ޑރ ފައޫޗީގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ހުންނެވީ ގައުމީ ފެންވަރުގެ ލޮކްޑައުން އަމުރެއް ތަންފީޒު ކުރައްވާ ގޮތަކަށް ނޫނެވެ. މޯދީ ވަނީ، ލޮކްޑައުންއަކީ އެންމެ ފަހުގެ ފިޔަވަޅަށް ނޫނީ ނުހައްދަވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާގައި ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ ފުރިފަ / ފޮޓޯ: އަލްޖަޒީރާ

ކަން މިހެން އޮތް އިރު، ޑރ ފައޫޗީ ވިދާޅުވީ، ލޮކްޑައުން ކުރާނަމަ، އެކަން ކުރަން ޖެހޭނީ މާ ގިނަ ދުވަހަކަށް ނޫން ކަމަށެވެ. 6 މަހެއްހާ ދުވަހަށް ގައުމު ލޮކްޑައުން ކުރަން ނުޖެހޭނެ ކަމަށާ، ގައުމު ހުއްޓުމަކަށް ގެންނަންވީ ވަގުތީ ގޮތުން ކަމަށް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ. މިއާއެކު، ވައިރަސް ފެތުރިގެން ދިއުމުގެ ޗޭނަށް ހުއްޓުމެއް އަންނާނެ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގައުމެއް ލޮކްޑައުން ކުރުމަކީ، އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށްވެސް ޑރ ފައޫޗީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މަދު ހަފުތާތަކަށް ގައުމު ލޮކްޑައުން ކުރުމަށް، ޑރ ފައޫޗީވަނީ އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މި ދަނޑިވަޅަކީ އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. މި އަދަދުތަކަކީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ދުނިޔެ ދުށް ރެކޯޑްތަކެކެވެ. އެގޮތުން މެއި 1ވަނަ ދުވަހު އިންޑިއާއިން ވަނީ 4 ލައްކައަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް، 24 ގަޑިއިރުގެ ތެރޭގައި ފެނުނު ކަމަށް ރިޕޯޓް ކޮށްފައެވެ. ހުސްވި އޭޕްރިލް މަހު އެކަނިވެސް އިންޑިއާއިން ވަނީ 7 މިލިއަނަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައެވެ.

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ވަޅުލަނީ / ފައިލް ފޮޓޯ: އަލްޖަޒީރާ

ފާއިތުވީ 7 ދުވަހަށް ބަލާއިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް، ޕޮޒިޓިވް ކޭހާއި މަރުގެ ކޭސް ރިޕޯޓް ކުރީ އިންޑިއާއިންނެވެ. ހަފުތާއެއްގެ ތެރޭގައި އިންޑިއާއިން 2597887 މީހަކަށް ބަލި ޖެހުނުއިރު، މި މުއްދަތުގައި 2169308 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއީ އޭގެ ކުރީ ހަފުތާ އަޅާ ބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 19.5 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އެކްޓިވް ކޭހުގެ އަދަދު 3.3 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު، 215523 އަށް ވަނީ އަރާފައެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާއިންވެސް ދަނީ އިންޑިއާއަށް ދީލަތި އެހީތަކެއް ފޯރުކޮށްދެމުން ކަން ފާހަގަކުރަން ޖެހެއެވެ.