ކޮވިޑް ބަލިމަޑުން ރައްކާތެރި ވުމަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދެމުންދާ ސެންޓަރުތައް މާދަމާ ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ - އެޗްޕީއޭއިން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ހުރި ވެކްސިން ސެންޓަރުތައް މާދަމާ ބަންދުކުރާ ގޮތަށް ނިންމާފައިވާ އިރު މާދަމާއަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަ ކުރާ ދުވަހެވެ.

މި ރޯދަ މަސް ފެށުމުގެ ކުރިން ގިނަ ސެންޓަރުތަކުގައި ދުވާލާއި ރޭގަނޑުގެ ގަޑިތަކުގައި ވެކްސިން ޖަހަމުން ދިޔަ ނަމަވެސް، ރޯދަ މަސް ފެށުމުން ވެކްސިން ޖަހަމުން ދަނީ ރޭގަނޑު ގަޑީގައެވެ. އަދި ހުކުރު ދުވަސް ނޫން ހުރިހާ ދުވަހަކު މާލޭ ސަރަހައްދުގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

މާދަމާ މާލޭ ސަަހައްދުގައި ހުރި ވެކްސިން ސެންޓަރުތައް ބަންދު ކުރި ނަމަވެސް ސީދާ ވެކްސިން ޖެހުން މެދުކަނޑާލާ ސަބަބެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ދާދި ފަހުން ވަނީ މާލެ ސަހަރައްހަދުގައި ވެކްސިން ޖަހަމުން ދިޔަ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނަނީ ދެ ސެންޓަރަކުންނެވެ. އަދި ކޮވިޝީލްޑް ޖަހައިދުމުން ދަނީ ވެސް ހަމައެކަނި ދެވަނަ ޑޯޒް ޖަހާ މީހުންނަށް އެކަންޏެވެ. އެގޮތުން އެ ވެކްސިން ޖަހައިދެނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންނެވެ.

ބާކީ ހުރި ސެންޓަރުތަކުން މި ފަހުން ޖަހައިދެމުން އަންނަނީ ސީނޯފާމް ވެކްސިންއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުނަގައި މިވަގުތު ރާއްޖޭގައި ކޮވިޝީލް ވެކްސިންގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި އެ ވެކްސިންގެ އިތުރު ޑޯޒް ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާ ގުޅިގެން އެޗްޕީޢޭއގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.