ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 99 ގައިދީންނަށް ވެކްސިން ޖަހާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.

ކަރެކްޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ޖަލުން 35 ގައިދީންނަށް ވަނީ ވެކްސިން ޖަހާފައެވެ. ހުޅުމާލެ ޖަލުން 41 ގައިދީން ވެކްސިން ޖަހާފައިވާއިރު ހުޅުމާލެ ޑިޓެންޝަން ސެންޓަރުން 22 ޑިޓެއިނީސް އަށް ވެކްސިން ވަނީ ޖަހާފައެވެ.

މާފުށި ޖަލުން އެކަކަށް ވެކްސިން ޖަހާފައިވާއިރު އައްސޭރި ޖަލުން އެއްވެސް ގައިދީއަކު ވެކްސިން ޖަހާފައެއް ނުވެއެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިން އެވެ. މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 295،251 އަށް އަރާފައެވެ. އޭގެތެރެއިން 97،339 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.