ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އެ މަންޒަރު ބަލާލި ކޮންމެ މީހެއްގެ މޫނަށް ހިނިތުންވުމެއް ގެނެސްދިން މީމްގެ ޝަހްސު ކަމުގައިވާ ސްޕެއިންގެ ކޮމީޑިއަން، ހުއާން ހޯޔާ ބޮރްހާ މަރުވެއްޖެއެވެ.
ބޮރްހާ ވަނީ މިދިޔަ އަހަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި މިއަހަރުގެ މާޗް މަހުވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށް މައުލޫމާތު ލިބެއެވެ. ބޮރްހާ ވަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ފަދަ އިލެކްޓްރިކް ސްކޫޓަރެއް ގަތުމަށް ފައިސާ ހޯދުމަށް ކެމްޕޭން ހިންގައިދިން، އޭނާގެ ފޭނުންނަށް ޝުކުރު އަދާ ކޮށްފައެވެ. މިފަދަ ސައިކަލަށް ބޮރްހާއަށް އަށް ދާން ޖެހުނީ، އޭނާގެ އެއް ފައި ބުރިކޮށްލި ހިސާބުންނެވެ.
ބޮރްހާ މަރުވީ، މިދިޔަ ބުދަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
"އެލް ރިސީތާސް" ނުވަތަ ހިނިގަނޑުގެ ނަމުން މަޝްހޫރުވެފައިވާ ބޮރްހާ، 65، އަށް އިންޓެނެޓްގައި ކިޔާ އުޅެނީ "ސްޕެނިޝް ލާފިންގް ގައި"އެވެ. މި ލަގަބު އޭނާއަށް ދެވުނީ، 2014 ވަނަ އަހަރު ވައިރަލް ވާން ފެށި ވީޑިއޯއަކާ ގުޅިގެންނެވެ. މިވީޑިއޯއަކީ މިއަދުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި، މީމްއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ މަންޒަރެކެވެ.
2014 ވަނަ އަހަރު ވައިރަލް ވި ވީޑިއޯއަކީ 2007 ވަނަ އަހަރު ޔޫޓިއުބަށް ލާފައިވާ ވީޑިއޯއެކެވެ. އެވީޑިއޯއިން ފެނިގެންދަނީ، ބަދިގޭގައި އަތް ގާތް ކޮށްދިނުމުގެ މަސައްކަތުގައި ބޮރްހާ ހަރަކާތްތެރިވި ދުވަސްވަރު، އޭނާގެ ތަޖުރިބާތަކާ ބެހޭ ގޮތުން ކުރި އިންޓަވިއުއެކެވެ.