ރާއްޖޭގައި މިވަގުތު ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނާތީ މިވަގުތު އާ ވޭރިއެންޓެއް ރާއްޖޭގައި އުޅޭދާނެ ކަމަށާއި އެ ކަމަށް އާންމުން ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަންގާ ގޮތަށް އަމަަލު ކުރުމަށް ގޮވާލައިފިއެވެ.

މިހާރު އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ، ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވާ މި ދަނޑިވަޅުގައި އާ ވޭރިއަންޓެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ދިރާސާ ކުރަމުން ދާ ކަމަށެވެ. އެ ގޮތުން މި ދަނޑިވަޅު ރައްކާތެރިވުމުގެ ގޮތުން މާސް އެޅުމާއި ގިނައިން އަތް ދޮވުމާއި ގައިދުރުކަން ދެމެހއްޓުމަށް ސަމާލުކަން ދިނުމަށް ޑރ. ޝަހް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ކޭސްތައް ހުރި ގޮތަށް ބަލާއިރު އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ 464 މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ކުރީ ދުވަހު ވަނީ 386 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ ހޯމަ ދުވަހު 328 ކޭސް ފެނިފައިވާއިރު މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހުކުރު ދުވަހު 318 ކޭސް އަދި މިދިޔަ ބުރާސްފަތު ދުވަހު ވަނީ 164 ކޭސް ރިޕޯޓް ކޮށްފައެވެ.

މިއަދު ނުސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕުން ޑރ. ނަޒްލާ މުސްތަފާ ވިދާލުވީ، މާލެ ސަރަހައްދުން ފެންނަމުން އަންނަ ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވާ މީހުންގެ ރޭޓް މި ވަނީ 14 ޕަސެންޓަށް އަރާފައި ކަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 21 އޭޕްރީލް އިން 27 އޭޕްރީލް އަށް މާލެ ސަރަހައްދުން ޕޮޒިޓިވް ވާ ރޭޓް ވަނީ 7 ޕަސެންޓުން 10 ޕަސެންޓަށް އަރާފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާލުވީ ބައެއް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ނުޖަހައި ހުންނަ ކަމަށެވެ. ފުރަތަމަ ޑޯޒް ޖަހާތާ 12 ހަފްތާ ވެފައި ވީމައި ވެކްސިންގެ ދެވަނަ ޑޮޒް ނުޖަހާ ތިބި ފަރާތެއް ވާނަމަ ވީ އަވަހަކަށް ދެވަނަ ޑޯޒް ޖެހުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މި ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް އެޗްޕީއޭއިން ވަނީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ގިނަ ލުއިތަކެއް ދީފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލައި ރެސްޓޯރަންޓް ކެފޭތަކަށް މީހުންނަށް ކުރިއެކޭ އެއްގޮތަށް ހިދުމަތް ހޯދަން ވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރޯދަ މަހު ލުއިތައް ދިނުމާއެކު މާލެ ސަރަަހައްދުގައި ގިނަ ބަޔަކު ހަވީރު ފިންޏަށް ބުރު ޖަހަން ނުކުމެ އުޅޭ އިރު މަޑި އެރުވުމަށް ކުޑަކުދިން ގޮވައިގެން ދަރުބާރުގެ ބިއްދޮށުގައި ވާ ހުސްބިމަށް ގިނަ ބަޔަކު ގޮސް އުޅޭ ތަން ފެނެއެވެ. އަދި ރެސްޓޯރަންޓް ތަކުގައި ރޯދަ ވީއްލުމަށް ބުކިން ހަދައިގެން ދާ މީހުން ވެސް އަންނަނީ މި ދަނޑިވަޅުގައި އިތުރު ވަމުންނެވެ.