ރާއްޖޭގައި ވެކްސިން ޖަހަން ޝަރުތު ހަމަވާ އާބަދީގެ 30 ޕަސެންޓާ ގާތަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

މިހާރު އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާނަމަ މިހާރު ރާއްޖެ އޮތީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އެންމެ ގިނައިން ޖެހި ގައުމުތަކުގެ ތެރެއިން 6 ވަނަގައި ކަމަށެވެ. މި ވަގުތު ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި މީހުންނަށް ބަލާއިރު ވެކްސިން ޖަހަން ޝަރުތު ހަމަވާ އާބާދީގެ 67 ޕަސެންޓަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށާއި އަދި ވެކްސިން ޖަހަން ޝަރުތު ހަމަވާ އާބާދީގެ 30 ޕަސެންޓާ ގާތަށް ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ކަމަށް ޝާހް ވިދާޅުވިއެވެ.

މިވަގުތު ވިހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ޑރ. ޝާހް އިލްތިމާސް ކުރެއްވިއެވެ. ވެކްސިން އެންމެން ޖަހައިގެން ކޮވިޑުން ރައްކާތެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އިންޑިއާއިން އިތުރު ކޭސްތަކެއް ފެނަނަމުން ދާ މި ދަނޑިވަޅުގައި ރާއްޖޭގައި ވެސް ކޭސްތައް އިތުރުވަމުންދާ ކަން ފާހަގަ ކުރައްވަމުން ޑރ. ޝާހް ވިދާޅުވީ، ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އާންމުން ސަމާލުކަން ދެމުންދާން ޖެހޭ ކަމަށެވެ. އެ ގޮތުން އަތް ދޮވުމާއި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޝަހް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 294،269 އަށް އަރާފައެވެ. އޭގެތެރެއިން 92،612 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިން އެވެ. މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.

ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ކޭސްތައް ހުރި ގޮތަށް ބަލާއިރު އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ 464 މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ކުރީ ދުވަހު ވަނީ 386 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ ހޯމަ ދުވަހު 328 ކޭސް ފެނިފައިވާއިރު މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހުކުރު ދުވަހު 318 ކޭސް އަދި މިދިޔަ ބުރާސްފަތު ދުވަހު ވަނީ 164 ކޭސް ރިޕޯޓް ކޮށްފައެވެ.