ޗައިނާއިން އައިފޯނުތަކަށް ކުރާ ޑިމާންޑް އިތުރުވުމާއެކު، ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފަހުން، އެޕަލް ކުންފުނީގެ ވިޔަފާރި ފައިދާ، 2 ގުނަ މައްޗަށް ޖެހިލައިފިއެވެ.
އެޕަލް އިން ބުނީ، މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރި ރަނގަޅުވާނެ ކަމަށް ލިބުނު ހެޔޮ ފާލެއް ކަމަށެވެ.
ޓެކްނޮލޮޖީގެ ދުނިޔޭގައި ވާދަވެރި ފޭސްބުކް ކުންފުނިންވެސް ވަނީ، ވިޔާފަރި އާމްދަނީއާ ފައިދާ އިތުރުވި ކަމަށް ރެކޯޑް ކޮށްފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެޕަލް ފޯނާއި، އެޕްތަކާ އެނޫންވެސް ޑިވައިސްތަކުގެ ވިޔަފާރި ކުރިއަރައިގެން ދިޔަ މަންޒަރު ވަނީ ފެނިފައެވެ. ކޮވިޑް-19އިން އުފެދުނު އާ އާންމު ހާލަތާއެކު އެކަހެރިކޮށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ސަގާފަތް ފެށިފައި ވާއިރު، އެޕަލްގެ 5-ޖީ ފޯނުތަކާ މެކް ކޮމްޕިއުޓަރުތަކަށް އޮތް ޑިމާންޑްވެސް އިތުރުވިކަން ފާހަގަ ކުރަންޖެހެއެވެ. އަދި ލޮކްޑައުންގެ އެކަނިވެރިކަމުގެ ބައިވެރިއަކަށް، އެޕަލްގެ މިއުޒިކް އަދި ފިޓްނަސް އެޕްތައް ވީ ކަންވެސް ފާހަގަ ކުރަންޖެހެއެވެ.
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އެޕަލްއަށް ވިޔަފާރި އާމްދަނީގެ ގޮތުގައި 89.6 ބިލިއަން ޑޮލަރު ލިބުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓް އިތުރު އަދަދެކެވެ. އެޕަލް އަށް ލިބުނު ފައިދާގެ އަގު 23.6 ބިލިއަން ޑޮލަރަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިއަދަދު އުޅުނީ 11.3 ބިލިއަން ޑޮލަރުގައެވެ.
އެޕަލްއާ ހިލާފަށް އާންމު ކޮށް އިސްތިހާރު ކޮށްގެން އާމްދަނީ ހޯދާ ފޭސްބުކް ކުންފުންޏަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފޭސްބުކްއަށް އާމްދަނީގެ ގޮތުގައި 26.17 ބިލިއަން ޑޮލަރު ލިބުނެވެ. އަދި ފައިދާގެ ގޮތުގައި 9.5 ބިލިއަން ޑޮލަރު ޖެހުނެވެ.
ނަމަވެސް، އެޕަލްއިން އެންމެ ފަހުން ގެނައި ސޮފްޓްވެއާ އަޕްޓޭޑްގެ ސަބަބުން، ފޭސްބުކްއިން މިދިޔަ އަހަރު ލަފާކުރި ފައިދާއާ ހިސާބަށް ވާސިލު ނުވެވިދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.