ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 88،649 މީހުން ވެކްސިންތަކުގެ ދެވަނަ ޑޯޒު ޖަހައިފިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހޯމަ ދުވަހު ރާއްޖެއިން ޖުމްލަ 6838 މީހުން ވެކްސިން ޖާހާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 1016 މީހުންނާއި ދެވަނަ ޑޯޒް ޖެހި 5822 މީހުންނެވެ.

މާޅެ ސަރަހައްދުން މިދިޔަ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 313 މީހުން ޖަހާފައެވެ. އަދި އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަިއ ވަނީ 703 މީހުންނެވެ. ހަަމައެއާއެކު މިދިޔަ ހޯމަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 2780 އެވެ. އަތޮޅު ތެރެއިން ވެކްސިންގެ ދެވނަ ޑޯޒް ޖަހާފައި ވަނީ 3042 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 293،429 އަށް އަރާފައެވެ. އޭގެތެރެއިން 88،649 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިން އެވެ. މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.

ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17 ގައެވެ. ސިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް އޭޕްރީލް 20 ވަނަ ދުވަހު ފަށާފައިވާއިރު މިހާރު ސޯޝަލް ސެންޓަރު ފިޔަވާ އެހެނިހެން ސެންޓަރުތަކުން ސިނޯފާމް ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސޯޝަލް ސެންޓަރުން މިވަގުތު ޖަހައިދެނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒްއެވެ.