ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު، އަތޮޅުތަކުން އެންމެ ނުރައްކާ ހަލަތުގައި އޮތީ އއ. މަތިވެރިއެވެ. ޖުމްލަ 170 މީހުން ޕޮޒިޓިވް ވެފައިވާއިރު 50 އަށްވުރެ ގިނަ ގެ ވަނީ ކަރަންޓީން ކޮށްފައެވެ.

އެރަށުން ކޮވިޑް ކޭސްތަކެއް ފެނުނީ ކިހިނެއްތޯ ސާފު ކުރުމަށް 'ދަ ޕްރެސް' އިން އެރަށު ކައުންސިލަށް ގުޅުމުން ކައުންސިލުން މައުލޫމާތު ދިނީ، އެންމެ ފުރަތަމަ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވީ ކަރަންޓީނުގައި ތިބި ހަތަރު އިންޑިއާ ފަތުރުވެރިން ކަމަށެވެ. އެހެން ކަމުން ރަށަށް ބަލި ފެތުރެން މެދުވެރިވި ސަބަބަކީ އިންޑިއާ ފަތުރުވެރިން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މަތިވެރިން ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުގައި އުޅުނު ޓޫރިސްޓުންތަކެކެވެ. އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިން ހަދައި ސާމްޕަލް ނެގި 100 މީހުންގެ ތެރެއިން 40 މީހަކު ވެސް ޕޮޒިޓިވްވިއެވެ.

ޕޮޒިޓިވްވެ ހުރެ ބޭރުގައި އުޅުމުން ބޮޑު ޖޫރިމަނައެެއް، ނަމަވެސް ހައްލެއް ނުވި!

ކޮވިޑަށް ޕޮޒިޓިވް ވުމުން ކަރަންޓީންވާން އަންގާފައި ވަނިކޮށް އެޗްޕީއާގެ އުސޫލާ ހިލާފުވެ މަގުތަކަށް ނުކުމެ އުޅެނިކޮށް 10،000 ރުފިޔާއިން ޖޫރިމަނާއެއް ކޮށްފައި ވަނީ އެ ރަށަށް ނިސްބަތްވާ ދެ ޒުވާނެކެވެ. އޭގެ ތެރެއިން އެއް ޒުވާނަކު ޖޫރިމަނާ ކުރުމުންވެސް ނިކުންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކެހެރިވުމަށް އަންގާ އުސޫލާ ހިލާފުވުމުން ކުރާ އެންމެ ބޮޑު ޖޫރިމަނާ ކޮށްފައިވާއިރު، އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މާސްކް ނާޅާއި އެއްވެސް މީހަކު ރަށު ތެރޭގައި އުޅުން މަނާ ކުރުމާއި ރަށުގަ މަގުމަށްޗަށް ކައުންސިލްގެ ޓާސްކް ފޯހުން ދޫކުރާ ހާއްސަ ފާހެ ނެތި ނުނިކުމެވޭ އުސޫލު ހިމެނެއެވެ. އަދި މިސްކިތަށް އަރާއިރު މާސްކް އެޅުމާއި ގައިދުރުކަން ބަހައްޓާތޯ ބަލުން ހިމެނެއެވެ.

އއ. މަތިވެރި / ފޮޓޯ: ސޯޝަލް މީޑިއާ

އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް ތަބާ ނުވާ ނަމަ ބޮޑެތި އަދަދުތަކުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން ފިޔަވަޅުތަކަށް ތަބާ ނުވާ ފުރަތަމަ ފަހަރު 1000 ރުފިޔާއިން، ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިން ވަނަ ފަހަރު 7500 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި ހަތަރު ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު ފިޔަވަޅުތަކަށް ތަބާ ނުވާނަމަ 10،000 ރުފިޔައިން ޖޫރިމަނާ ކުރެއެވެ.

ހާލަތު ގޯހުން ގޯހަށް، މަސައްކަތް ކުރާ މުވައްޒަފުންތައް ޕޮޒިޓިވްވަނީ!

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ބަލިފެތުރެމުން އަންނަ މަތިވެރީ ކައުންސިލުން ބުނީ އެ ރަށުގެ ހެލްތު ސެންޓަރުގައި މިވަގުތު މަސައްކަތް ކުރަމުންދަނީ އެންމެ އިދާރީ މުވައްޒަފެއް ކަމަށެވެ. އެހެން އެންމެންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ކައުންސިލްގައި ވެސް މަަސައްކަތް ކުރަން ހުރީ އެންމެ މުވައްޒަފެކެވެ. ބަލީގައި ހާލަތު ސީރިއަސްވެއްޖެ ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މަތިވެރީގައި ކޮވިޑް ފެތުރެމުންދާއިރު އިއްޔެ ރާއްޖެއިން ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. ޖުމްލަ 386 މީހުން ޕޮޒިޓިވް ވެފައި ވާއިރު، އިއްޔެ މަތިވެރިން އެކަނި ވެސް ވަނީ 46 މީހަކު ޕޮޒިޓިވް ވެފައެވެ.