ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލިވެއިންނަ ކޮންމެ 7 ކޭހަކުން 1 ކޭހަކީ ބައިގެންދާ ކޭހެއް ކަމަށާ، 11 ޕަސެންޓް އަންހެނުންނަކީ އެމީހުންގެ އުމުރުން 1 ފަހަރު، ފެއިލްޑް ޕްރެގްރެންސީއެއް ތަޖުރިބާކޮށްފައި ވާ މީހުން ކަމަށް، ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

ފެއިލްޑް ޕްރެގްރެނެންސީ އަކީ، ބަލިވެ އިނދެ ވިހެއުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމުގެ ފުރުސަތު ނުލިބުމެވެ. މިސްކެރިޖް (ބައިގެންދިއުން) ނުވަތަ ފެއިލްޑް އާލީ ޕްރެގްނެންސީއެއް ކަމަށް ބުނަނީ، ބަނޑުގައި ދަރިފުޅު ޣަރުބަ ގަންނަތާ 20 ހަފުތާ ފުރުމުގެ ކުރިން އެ ދަރިފުޅު މަރުވުމުންނެވެ. މިއަށްވުރެ އިތުރަށްވެސް މި ތަފްސީލު ކުރެވެއެވެ.

ދިރާސާކުރާ 31 މެންބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޓީމަކުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުން، ބައިގެން ދިއުމުގެ 23 މިލިއަން ކޭސް ރެކޯޑް ކުރެއެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕޭރެންޓިންގް ހަބް

ދަ ލޭންސެޓްގައި އާންމު ކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ. އެހެނީ، ކޭސް ރިޕޯޓް ކުރުމުގައި އަދިވެސް އުނިކަން ހުރުމެވެ.

2 ޕަސެންޓް އަންހެނުން ނުވަތަ ކޮންމެ 50 މީހަކުން 1 އަކީ، ބައިގެން ދިއުމުގެ ހިތްދަތިކަން، 2 ފަހަރަށް ތަޖުރިބާ ކޮށްފައިވާ ބައެކެވެ. 3 ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ބައިގެން ދިއުމުގެ ވޭން އުފުލި މީހުންގެ އަދަދު 1 ޕަސެންޓަށްވުރެ ދަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ބައިގެން ދިއުމުގެ ހިތްދަތިކަމާ ވޭން ތަހައްމަލު ކުރާ އަންހެނުންނަށް ފަރުވާ ދިނުމުގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތުތައް އެބަހުއްޓެވެ.

ހަނގުރާމައިގެ ނުތަނަވަސްކަމުގައި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ މާބަނޑު މީހެއް/ފޮޓޯ: ވޯލްސްޓްރީޓްޖާނަލް

މިއާއެކު ދިރާސާ ޓީމުންވަނީ، ބައިގެން ދިއުމުގެ މައްސަލަ މިހާރަށްވުރެ ރަނގަޅަށް ދެނެގަނެ، މިކަން ތަޖުރިބާ ކުރާ އަންހެނުންނަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ސިއްހީ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ގޮވާލާފައެވެ.

ބައިގެން ދިއުމާ ގުޅިގެން ބޯދާ ހިޔާލުގެ ތަފާތު އެކި ވާހަކަތައް ފުދޭ ވަރަކަށް ފެތުރެއެވެ.

ގިނަ އަންހެނުން ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނުވަތަ އެފަދަ ކަމެއް މެދުވެރި ވަނީ ބަރު އެއްޗިހި އުފުލާ ހެދުމުންނެވެ. ނުވަތަ ބަލިވެ އިނުމުގެ ކުރިން، ދޭތެރެ ދުރުކުރުމަށް މަސައްކަތް ކޮށްފައި އޮތުމުންނެވެ. ބައިގެން ދިއުމުގެ ފުރުސަތު ކުޑަ ކުރުމަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށް ގަބޫލު ކުރެވުމުގެ ފުރުސަތުވެސް އެބައޮތެވެ. ވަކިން ހާއްސަކޮށް، ހައި ރިސްކު ގިންތީގައި ތިބި އަންހެނުންގެ މެދުގައެވެ.

މައިމީހާގެ ބަނޑުގައި ގަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ދަ ހިލް

ދިރާސާގެ މުސައްނިފުން ވަނީ، މިފަދަ ހިޔާލު ތަކަކީ ގެއްލުން ދެނިވި ހިޔާލުތަކެއް ކަމަށް ވިދާޅުވެފައެވެ. ނަތީޖާއަކަށް ވަނީ ބައިގެން ދިއުމުގެ ވޭން ތަހައްމަލު ކުރާ އަންހެން މީހާއާ އޭނާގެ ބައިވެރިޔާ، އަމިއްލައަށް "އިލްޒާމް" ނަގާ ގޮތް ވެ، އިތުރު ފަރުވާއާ އެހީތެރިކަން ހޯދަން ފަސްޖެހޭ ގޮތް ވުން ކަމަށް މުސައްނިފުން ފާހަގަ ކުރައްވައެވެ.

ބައިގެން ދިއުމުގެ ހިތްދަތިކަމަށްފަހު، އެކަހެރި ކަމާ ދިމާއަށް ދެވޭ ގޮތްވެސްވެއެވެ. އާއިލާއާ ރަހުމަތްތެރިން ނުވަތަ ބައިވެރިޔާ ގާތުވެސް ނުބެނެ، އެކަން ސިއްރު ކުރެވޭ ގޮތް ބައެއް ފަހަރު ދިމާވެއެވެ.

ޓޮމީސް ނޭޝަނަލް ސެންޓާ ފޮ މިސްކެރިޖް ރިސާޗްގެ ޑައިރެކްޓާ އަދި ޔުނިވާސިޓީ އޮފް ވޯވިކްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ދިރާސާގެ މުސައްނިފު، ޝިވޯން ކުއެންބީ ވިދާޅުވީ، ބައިގެން ދިއުމަ ގުޅިފައިވާ "ހިމޭން" ކަމަކީ ހަމައެކަނި އެކަން ތަޖުރިބާ ކުރާ އަންހެނުންގެ މެދުގައި އޮތް ކަމެއް ނޫން ކަމަށެވެ. ސިއްހީ ހިދުމަތްދޭ ފަރާތްތަކާ، ސިޔާސަތުތައް އެކުލަވާ މީހުންނާ ދިރާސާތަކަށް ފަންޑު ކުރާ މީހުންގެ މެދުގައިވެސް އެކަން އޮތީ އެހެން ކަމަށް ޕްރޮފެސާ ކުއެންބީ ވިދާޅުވިއެވެ.

މައިމީހާގެ ބަނޑުގައި ތުއްތު ދަރިފުޅު ޣަރަބު ގަންނަމުން އަންނަ މަންޒަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ސީޖީއައި ތަސްވީރެއް/ފޮޓޯ: އޯބީޖީންޑޮޓްނެޓް

މިސްކެރިޖު ނުވަތަ ބައިގެން ދިއުން ކަމަށް އާންމުކޮށް ބުނެ އުޅެނީ ބަނޑުގައި ދަރިފުޅު ޣަރުބަގަންނަތާ 20 ހަފުތާއާއި 24 ހަފުތާއާ ދެމެދު، އެ ދަރިފުޅު މަރުވުމުންނެވެ. އެކި ގައުމުތަކުގައި މި މުއްދަތު ބަލާ ގޮތް ތަފާތެވެ.

ބައިގެން ދިއުމާ ގުޅިގެން ހަދާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު، މިކަން މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި މައިމީހާގެ އުމުރު ދޮށީވުން، މީގެ ކުރިން މިފަދަ ކަމެއް މެދުވެރިވެފައިވުން އަދި ބައްޕަގެ އުމުރު 40 އިން މައްޗަށް ގޮސްފައިވުން ފަދަ ކަންކަން ހިމެނެއެވެ. ބައިގެން ދިއުމުގެ ނުރައްކާ އިތުރުވާ ސަބަބުތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ހިކި/ފަލަވުން، ދުންފަތުގެ އިސްތިއުމާލު ކުރުން، ރަލުގެ ބޭނުން ކުރުން، ކެނޑިނޭޅި ހާސްކަމާއި ނުތަނަވަސްކަމުގައި އުޅުން، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތް ކުރުން އަދި ތަޣައްޔަރު ވެފައިވާ ވައި ނުވަތަ ޕެސްޓިސައިޑް ފަދަ ތަކެއްޗަށް ދާއިމީ ގޮތެއްގައި ހުށަހެޅިފައިވުން ފަދަ ކަންކަން ހިމެނެއެވެ.

ބައިގެން ދިއުމުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުވެސް ބޮޑެވެ. 2 ނުވަތަ އެއަށްވުރެ ގިނަ ފަހަރު އެކަން ތަޖުރިބާކުރަން ޖެހޭނަމަ، މިކަން ވަކިން ބޮޑެވެ. ދިރާސާގެ މުސައްނިފެއް ކަމަށްވާ، ޔުނިވާސިޓީ އޮފް ބާމިންގްހަމްގެ އެރީ ކޫމަރަސާމީ ވިދާޅުވީ، ބައިގެން ދިއުމާއެކު ކުރިމަތިވާ ނަފްސާނީ ތަކުލީފުތަކަށް އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ނުދެވޭ ކަމަށެވެ.

ބަނޑުގައި ދަރިފުޅު ޣަރުބަގަނެފައިވާގޮތް ދައްކުވާދޭ މޮޑެލްތަކެއް/ފޮޓޯ: އެންވައިޕީ

ބައިގެންދާތާ 9 މަސްދުވަސް ފަހުންވެސް އެންޒައިޓީއާއި ޑިޕްރެޝަން އަދި ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ ފަދަ ނަފްސާނީ ތަކުލީފުތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މި ދިރާސާއަށް މައުލޫމާތު އެއްކުރުމުގައި ގިނައި މުއްސަނދި ގައުމުތައް ކަމުގައި ވީ ނަމަވެސް، ބައިގެން ދިއުމާ ގުޅިފައިވާ "ހިމޭން" ކަމަކީ ހުރިހާ ހިސާބެއްގައިވެސް އޮތް ކަމެއްކަން، ދިރާސާގެ މުސައްނިފުން ފާހަގަ ކުރައްވައެވެ. އަދި "އަލުން ބަލިވެއިނުމަށް މަސައްކަތް ކުރާށޭ" ބުނުމުގެ ދައުރު ނިމުމަކަށް އައިސްފައި ވާ ކަމަށްވެސް ދަ ލޭންސެޓްގައި ވާ މި ދިރާސާ ބުނެއެވެ.