ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހައިދިނުމުގެ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ޖެހައިދެމުން ދިޔަ ކޮވިޝީލްޑް ވެކްސިން ސްޓޮކް ހުސްވެ މިރޭ ވިލިމާލޭގައި ސިނޯފާމް ވެކްސިން ޖަހައިދޭ ގޮތަށް ނިންމައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ވިލިމާލެ ސިއްހީ މަރުކަޒުން ބުނީ މި ވަގުތު ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވެފައިވާ ކަމަށެވެ. ނަމަވެސް މިރޭ ވެސް ވިލިމާލެ ޔޫތް ސެންޓަރުގައި ވެކްސިން ޖަހައި ދިނުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި ވިލިމާލެއިން ޖަހައިދޭނީ ސިނޯފާމް ވެކްސިން ކަމަށެވެ. މީގެ އިތުރުން އެ ސެންޓަރުން ބުނީ ކޮވިޝީލްޑް ވެކްސިން އެ ސެންޓަރުން ދެން ޖަހައިދޭން ފަށާނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށެވެ.
މިރޭ ވިލިމާލެ ޔޫތް ސެންޓަރުން ސިނޯފާމް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒްވެސް ޖަހައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިރޭ އެ ސެންޓަރުން ވެކްސިން ޖަހައިދިނުމަށް 100 ނަންބަރު ދޫކުރަމަށް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭގައި ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ހުއްޓުމަށް އައިސްފައިވާ ސަބަބު އޮޅުން ފިލުވުމަށް އެޗްޕީއޭއިން ކޮމެންޓެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އަދި އެ އެޖެންސީން ވަކި ޖަވާބެއް ނުދެއެވެ.
ނަމަވެސް މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ސެންޓަރު ތަކުގެ ތެރެއިން ސޯޝަލް ސެންޓަރުގައި މިރޭ ވެސް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ސޯޝަލް ސެންޓަރުން ވެކްސިން ޖެހުމަށް 480 ނަންބަރު ދޫކުރާ ގޮތަށް ހަމަޖެހިފައިވާ އިރު ދެވަނަ ޑޯޒް ޖަހައިދެނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ވެކްސިން ޖެހި މީހުންނަށެވެ.
ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.
ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17 ގައެވެ. ސިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް އޭޕްރީލް 20 ވަނަ ދުވަހު ފަށާފައިވާ އިރު، އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން މިރެއިން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުންނެވެ.