ފުލުހުންގެ ހިދުމަތުގެ "އިސްތިއުނާފު ކޮމިޓީ" އަށް 5 މީހަކު އައްޔަނު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ"އިސްތިއުނާފު ކޮމިޓީ" އަށް އެ 5 މީހަކު އައްޔަނު ކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

އަދި އެ 5 މީހުން އައްޔަން ކުރައްވާފަވަނީ މިއަދު މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އައްޔަނު ކުރި މީހުންގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރޓ) މުހައްމަދު ސޯދިގު، ދަފްތަރު ނަންބަރު 6613/ މާލެ އާއި ގދ. ރަތަފަންދޫ ޗަނބޭލީވިލާ)، އަޒްމީން ރަޝީދު އަދި މ.ސަލްޖަމްގެ ފާތިމަތު ލީނާ ހިމެނެއެވެ.

އޭގެ އިތުރުން މ. ލިލީސް މިންނާ ނާފިޒް އަދި ހއ. ހޯރަފުށި/ ބްލެސް، އަހްމަދު ޝިހާދު ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގާނޫނު ބުނާގޮތުން، އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ.

އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލާ، ގޮތެއް ނިންމުމުގައި އަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން އަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.