ޓޯޕީޑޯ ލައިވް ފަޔާ ޑްރިލްއެއް ކުރިއަށް ގެންދިއުމުގެ އިޒުނުޔަކަށް އެދުނު ފަހުން ވީނުވީއެއް ނޭނގި، އިންޑޮނޭޝިއާއިން ގެއްލުނު އަސްކަރީ ސަބްމެރީން، 3 ބަޔަށް ބުރިވެ، ބަލީގެ ކަނޑު ބޭރަށް ފެތިފައި ވަނިކޮށް ފެނުނުކަން އިއުލާން ކުރީ މިދިޔަ އާދީއްތަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ކޭއާރްއައި ނަންގައްލާ-402 އިން ދަތުރުކުރަމުންދިޔަ 53 ކުރޫއިން މަރުވީކަމަށްވެސް ވަނީ ނިންމާފައެވެ. ހާދިސާ ހިނގި ސަރަހައްދުން، ނަމާދު ކުރަން ބޭނުން ކުރާ މުއްސަލަ ފަދަ ތަކެތި ފެންނަމުންދާއިރު، އަދި އެއްވެސް މީހެއްގެ ހަށިގަނޑު އެއްގަމަށް ނެގި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

21 އޭޕްރިލް، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއިން ސަބްމެރީން ގެއްލުނު ސަރަހައްދުން މުސައްލަ ފަދަ ތަކެތި ވަނީ ފެނިފަ / ފައިލް ފޮޓޯ: ރެޑިޓް

އެތައް ބައެއްގެ ހިތްތައް ދަތިކުރުވި މި ހިތާމަވެރި ހާދިސާއަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް، އިންޑޮނޭޝިއާގެ ކަނޑުގެ އަސްކަރިއްޔާއިން މިވަނީ، ސަބްމެރީންގެ ކުރޫއިން، އެ ސަބްމެރީންގެ ތެރޭގައި މާނަ ފުން ލަވައެއް ކިޔާތީ ފެންނަ ވީޑީއޯއެއް އާންމުންނަށް ދޫކޮށްލާފައެވެ.

މީގެ މަދު ހަފުތާކޮޅެއް ކުރިން ރެކޯޑް ކޮށްފައިވާ މިމަންޒަރުތަކުން ފެންނަނީ ގިޓާ ކުޅެން އިންނަ މެންބަރެއްގެ ގާތަށް ކުރޫއިން ޖަމާވެ، ލަވައެއްގައި ބައިވެރިވާ މަންޒަރެވެ. މި ލަވައަކީ އިންޑޮނޭޝިއާގައި "ހިޓް" ލަވައެއް ކަމަށްވާ "ސަމްޕާއި ޖަމްޕާ" ނުވަތަ "ފަހުން ބައްދަލުކުރާނަން" ނަމަކަށް ކިއާ ލަވައެކެވެ.

"ތިބާ ނުލާ އުޅެން އަހަރެން އަދި ތައްޔާރު ނޫން ކަމުގައިވިއަސް، ތިބާއަށް އަހަރެން އެދެނީ ހެޔޮ ގޮތްވުމޭ" ބުނެ، ކުރޫއިން ލަވަކިޔަމުންދިޔައިރު، ސަބްމެރީންގެ ކޮމާންޑަރަކަށް ހުރި ހެރީ އޮކްޓާވިއާންވެސް އެމީހުންނާ ބައިވެރިވަމުންދާ މަންޒަރު ފެނެއެވެ.

https://www.youtube.com/watch?v=JgWBWBPdnb0

ކުރޫއިން މި ލަވަ ކިޔައިދެމުން ދިޔައީ އިންޑޮނޭޝިއާގެ ކަންޑު އަސްކަރިއްޔާގެ ކޮމާންޑަރުކަމުގެ މަގާމުން ވަކިވެގެންދާ މެންބަރަކަށް ހުށަހަޅާދިން ވަދާއީ ލަވައެއްގެ ގޮތުގައި ކަމަށް، އަސްކަރިއްޔާގެ ތަރުޖަމާނު ޖަވާރާ ވިމްބޯ ވަނީ ވިދާޅުވެފައެވެ.

21 އޭޕްރިލް، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއިން ގެއްލުނު ސަބްމެރީން ކަނޑު އަޑިއަށް ފެތިފާ / ފޮޓޯ: އިންސައިޑާ

ކޭއާރްއައި ނަންގައްލާ-402 އިން ދަތުރުކުރަމުންދިޔަ 53 ކުރޫއިންނަކީ، ގައުމު ދުށް އެންމެ "ފުރިހަމަ ބަތޮލުން" ކަމަށް، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ސިފަކުރައްވާފައެވެ.