ބޭންކް އޮފް މޯލްޑިވްސްގެ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗާ ޕާކެއް ތަރައްގީ ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަ ގެ ނަމުން ނަންދެވިފައިވާ އެ ނޭޗާ ޕާކް ހުޅުވާފައިވަނީ މިއަދު ކަމަށެވެ.

އެ ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިން ކަމަށާއި މިއީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލާ ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ އެޕްރޮޖެކްޓްގެ ދަށުން އެ ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިން ޕްލެޓްފޯމެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ބެންޗް ބަހައްޓާ، ބާބަކިއު ހެދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށާއި އަދި ސަރަހައްދުގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ކޮމިއުނޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމުގައި އެންމެ އިސްކަމެއްދިނީ އެ ސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި ހަމައެހެންމެ އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

މި ސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެހެން ތަރައްގީކޮށްފައިވާ ސަރަހައްދެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން. މި މަސައްކަތުގައި ބައިވެރިވި ހޯނޑެއްދޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.
މަހްދޫން އާދަމް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.