53 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު އިންޑޮނޭޝިއާއިން ގެއްލުނު ސަބްމެރީން، 3 ބަޔަށް ބުރިވެފައި ވާތީ، ބާލީ ކަނޑުގެ އަޑިން ފެނިފައި ވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއާ ކަނޑުގެ އަސްކަރިއްޔާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.
ޓޯޕީޑޯ ޑްރިލްއެއް ކުރިއަށް ގެންދިއުމުގެ އިޒުނަޔަށް އެދުނު ފަހުން، މިދިޔަ ބުދަ ދުވަހު ގުޅުން ކެނޑުނު ކޭއާރްއައި ނަންގައްލާ-402 ސަބްމެރީންގައި ހުރި ބައެއް ސާމާނުތައްވެސް މިހާރު ދަނީ ފެންނަމުންނެވެ.
އަސްކަރިއްޔާގެ އިސްވެރިޔާ، ޗީފް މާޝަލް ހާދީ ޖާޖަންޓޯ ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ކޭއާރްއައި ނަންގައްލާ ފެތިފައި ވާ ކަމަށާ، އެ ސަބްމެރީންއިން ދަތުރު ކުރި އެންމެންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ބުނެވިދާނެ ކަމަށެވެ.
ކަނޑުގެ އަސްކަރިއްޔާގެ އިސްވެރިޔާ، ޗީފް އޮފް ސްޓާފް ޔޫޑޯ މަރްގޯނޯ ވިދާޅުވީ، މި ހާދިސާގެ އިލްޒާމު، ކުރޫއިންގެ ބޮލުގައި ނާޅުއްވާ ކަމަށެވެ.
އިންޑޮނޭޝިއާގެ ރައީސް، ޖޯކޯ ވިޑޯޑޯ ވަނީ، ސަބްމެރީންގެ ކުރޫގެ އާއިލާތަކަށް ތައުޒިއާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.
ސަބްމެރީންގެ ކްރޫއިން މަރުވުމާ ގުޅިގެން އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ އެލްޕީ މަރްސޫދީ އަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އަދި މަރުވި ކްރޫ މެމްބަރުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
ގެއްލުނު ސަބްމެރީން ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގެ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންގައި، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، މެލޭޝިއާ އަދި އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިންޑޮނޭޝިއާގެ ކަނޑުގެ އަސްކަރީ ތަމްރީނުތައް ހިންގާ އީސްޓް ޖާވާގެ އަވަށެއް ކަމަށްވާ ބަނީޔުވާންގީ އަވަށުގެ ރައްޔިތުން ވަނީ، އެ ގައުމުގެ އަސްކަރީ ގާބިލިއްޔަތުކަން ޒަމާނާ އެއް ފެންވަރު ކުރުމަށް ގޮވާލާފައެވެ.
މިހަދިސާއާ ގުޅޭ ސަބްމެރީން އަކީވެސް 44 އަހަރުވީ ސަބްމެރީންއެކެވެ. ޖަރުމަނުވިލާތުން ސަބްމެރީން އުފެއްދި ފަހުން، ރީފިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 2012 ވަނަ އަހަރުއެވެ.