މިމަހު 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 400 ގޮނޑި ކަމަށާއި އިދިކޮޅު ޕީޕީއެމް ކޯލިޝަނަށް ލިބުނީ 325 ގޮނޑި ކަމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދަޅުވީ ކައުންސިލްތަކުގެ 975 ގޮނޑިއަކަށް މީހުން އިންތިހާބު ކޮށްފައި ވާ ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 905 މަގާމަކަށް މީހުން އިންތިހާބު ކޮށްފައި ވާ ކަމަށެވެ.

އެމްޑީޕީ ޓިކެޓުގައި ވާދަ ކުރި 804 ކެނޑިޑޭޓުންގެ ތެރެއިން، 400 ކެނޑިޑޭޓުން ގޮނޑި ކާމިޔާބު ކުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި 646 މަގާމަކަށް ކެނޑިޑޭޓުން ވާދަ ކުރިއިރު، އޭގެ ތެރެއިން ގޮނޑި ކާމިޔާބު ކުރީ 325 ކެންޑިޑޭޓު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބިގައި ވާދަކުރި އެހެން ޕާޓީ ތަކަށް ބަލާއިރު، ޖުމްހޫރީ ޕާޓީން 115 މަގާމަށް ވާދަކޮށްގެން ކާމިޔާބު ކުރެވުނީ 23 ގޮނޑިއެވެ. އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ކުރިމަތިލި އިރު، ކާމިޔާބު ކުރެވުނީ 11 ގޮނޑިއެވެ. އަދި އެމްޑީއޭ އިން 20 ކެންޑިޑޭޓުން ނެރުނު އިރު، ކާމިޔާބުވީ 16 ގޮނޑިއެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން މި އިންތިހާބުގައި ޖުމްލަ 600 ކެންޑިޑޭޓުން ވާދަކޮށްފައި ވާއިރު އޭގެ ތެރެއިން 173 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށްފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 282،073 މީހުންނަށެވެ. އަދި އޭގެތެރެއިން ވޯޓުލީ 186،253 މީހުންނެވެ. އެއީ މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ 68 އިންސައްތައެވެ.