ގަރާޖު ސިޓީއާ ނުލާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.

ގާނޫނު އޮންނަގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުދީފައި އޮންނަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެން ނުވާ ކަމަށެވެ.

އޭގެ އިތުރުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނޑު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުން ވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.

އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ބުނެފާވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމެވެ.