އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އަމަލު ކުރަންޖެހޭ އުސޫލުތައް ވަރުގަދަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީޢޭއިން ބުނީ، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ހިމެނޭ ގޮތަށް މި މަހުގެ 27 އިން ފެށިގެން އާދެވޭނީ 96 ގަޑި އިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތިޖާއަކާ އެކުގައި ކަމަށެވެ.
ހަމައެއާއެކު މި މަހުގެ 27 ގެ ފަހުން ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ ތެރެއިން މީހުން ދިރިއުޅޭ ތަންތަނުަގއި ހުންނަ ސިޓީ ހޮޓާ ގެސްޓްހައުސްތަކަށް ދަތުރު ކުރުން މަނާ ކުރާ ކަމަށެވެ. މީގެ ތެރޭގައި އިންޑިއާގައި 24 ގަޑިއިރަށް ޓްރާނސިޓް ވެފައި އަންނަ ފަތުރުވެރިން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި އިންޑިއާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ވަކިން ހުންނަ ގެސްޓް ހައުސް ސިޓީ ހޮޓާ ފަދަ ތަންތަނަށް ބުކިން ހަދައިގެން ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިވަގުތު މީހުން ދިރިއުޅޭ ތަންތަނުގައި ޗުއްޓީ ހޭދަ ކުރަން އައިސް ތިބި އިންޑިއާ ފަތުރުވެރިންނަށް އެމީހުން ބުކިން ހަދާފައިވާ މުއްދަތު ހަމަވަންދެން ތިބެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އިންޑިއާއިން ދަތުރު ކުރާ ފަތުރުވެރިން ރާއްޖެއިން ފުރަންވާނީ ޑިޕާޗާ ޕީސީއާރް ޓެސްތެއް ހަދައިގެން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އިންޑިއާއިން އަންނަ ދިވެހިން އަދި ވާކް ޕާމިޓް ހޯލްޑަރުންނަށް ވެސް، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވީ ނަމަވެސް ރާއްޖެއަށް އަންނަން ވާނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާ އެކުގައި ކަަމަށް އެޗްޕީއޭން ބުނެއެވެ. އަދި ރާއްޖެއައުމަށް ފަހު 10 ދުވަހު ކަރަންޓީން ވާން ޖެހޭ ކަމަށާއި އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ މުއްދަތު ހަމަވެ ޕީސީއާރް ޓެސްޓެއް ހަދައި އޭގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.