53 މީހުންނާއެކު އަސްކަރީ ތަމްރީނުތަކެއްގެ ބޭނުމަށް ދަތުރު ކުރަމުން ދަނިކޮށް، މިދިޔަ ބުދަ ދުވަހު ގެއްލުނު ސަބްމެރީން، ބާލީގެ ބޭރަށް ފެތިފައި ވާ ކަމަށް އިންޑޮނޭޝިއާއިން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ނޭވީ ޗީފް އޮފް ސްޓާފް، ޔޫޑޯ މަރްގޯނޯ ވިދާޅުވީ، ސަބްމެރީންގެ ބައިތަކާ، ނަމާދުކުރަން އަޅާ މުއްސަލަ ފަދަ ތަކެތި، ސަބްމެރީން ގެއްލުނު ހިސާބުން ފެނިފައި ވާ ކަމަށެވެ.

މިހާތަނަށް ހެދި ސްކޭންތަކުން، ކަނޑުގެ 850 މީޓަރު އަޑީގައި ސަބްމެރީން އޮތަތީ ވަނީ ހޯދިފައެވެ. ނަމަވެސް، މިއީ ސަބްމެރީންގައި ތިބި ބަޔަކަށް، ދިރިހުރެވޭނެ ފުން މިނެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މި ސަބްމެރީންގައި ހުރީ އެންމެ 3 ދުވަހަށް ފުދޭ ވަރުގެ އޮކްސިޖަންއެވެ.

ކޭއާރްއައި ނަންގައްލާ ގެއްލުނީ، ޓޯޕީޑޯ ޑްރިލްއެއް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދުމަށް ފަހުގައެވެ. ޖަރުމަނުވިލާތުގައި އުފައްދާފައިވާ މި ސަބްމެރީންގެ އުމުރަށް 40 އަށް ވުރެ ގިނަ އަހަރު ވީ ނަމަވެސް، ސަބްމެރީޏް ރީފިޓް ކުރުމުގެ މަސައްކަތް، 2012 ވަނަ އަހަރު ކުރި ކަމަށް ހަބަރު ލިބެއެވެ.