ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިންގް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ ށ. މާއުނގޫދޫ އަދި ކޮމަންޑޫގައި ކަމަށެވެ. އަދި އެ އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިންގް ހިދުމަތް ދަނީ ދެމުންނެވެ. މީގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ސެލްފް ސާވިސް ބޭންކިންގް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ އޭޓީއެމްއެއް / ފޮޓޯ: ބީއެމްއެލް

އެކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ށ. އަތޮޅުގައި ބޭންކިންގް ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. 70 އަށް ވުރެ ގިނަ އޭޓީއެމް ސެންޓަރާ އާއެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގް ވިގުއައާއެކު ހިދުމަތް ދެވޭ ކަމީ ފަހުރުވެރިވާކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ހާމަކުރެއެވެ.