ބޭސްވެރިކަމަށާއި ކާބޯތަކެތި ހެދުމުގައި ބޭނުންކުރާ ކުޅިރަހަލާ މަޝްހޫރު ގޮނޑިއެއް ކަމަށްވާ ޒަންޖަބީލަކީ ފަހަރެއްގައިވެސް ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. ބިމުތެރެއަށް ފެތުރެމުން ހެދޭ މި ގޮނޑިއަށް ދިވެހިން ކިޔައި އުޅެނީ އިނގުރެވެ. މިހާރު، ޒަންޖަބީލް ނުވަތަ އިނގުރުގެ އިތުރު ތައާރަފަކަށް ބޭނުންވާނެ މީހަކު ހުންނާނެ ހެނެއް ހީއެއް ނުވެއެވެ. ނަމަވެސް، އިނގުރުގެ ހާއްސަކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންނަށްތޯއެވެ.

އިނގުރަކީ އިސްލާމީ ތާރީހާވެސް ގުޅިފައިވާ އެއްޗެކެވެ. އިނގުރުގެ ވާހަކަ، ކީރިތި ޤުރުއާންގައިވެސް ބަޔާންވެގެންވެއެވެ. އަލް އިންސާން ސޫރަތުގެ 17 ވަނަ އާޔަތުގެ މާނާގައިވެއެވެ.

"އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، ޒަންޖަބީލް އެވެ."

(ކީރިތި ޤުރުއަން. އަލް-އިންސާން ސޫރަތް؛ 17)

މީގެ އިތުރުން، ރޯމްގެ ރަސްގެފާނު، މި އުއްމަތުގެ ނަބިއްޔާ އަދި ﷲގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް އިނގުރު ބަރުމީލެއް ނުވަތަ ޖަޑިއެއް އެރުވިކަމަށާ، ރަސޫލާ މުޙައްމަދު صلى الله عليه وسلم ، އެކަލޭގެފާނުގެ ސަހަބީންނަށް އެ ބެއްސެވިކަމަށް، އޭނާގެ ފޮތް "ހީލިންގް ވިތު ދަ މެޑިސިން އޮފް ދަ ޕްރޮފެޓް صلى الله عليه وسلم " ގައި، އިމާމް އިބްނު ޤައްޔިމް އަލް-ޖައުޒިއްޔާ ތަފްސީލު ކޮށްދެއްވާފައިވެއެވެ.

އިނގުރު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފައިލް ފޮޓޯ: ޑރ ވެއިލް

އިނގުރުގެ ފައިދާ

އިނގުރަކީ ތަފާތު އެތައް ބަލިތަކަށް ޝިފާ ލިއްބައިދޭ ހާއްސަ މާއްދާއެއް އޭގައި އެކުލެވޭ އެއްޗެކެވެ. އެ މާއްދާއަކީ "ޖިންޖެރޯލް"އެވެ. އިނގުރުން ފަރުވާ ހޯދޭ ބަލިތަކުގެ ތެރޭގައި މޭ ނުބައިކޮށް ހޮޑުލެވުން، ހަޖަމްވުމުގެ މައްސަލަ، ހުންއައުން، އަރުދަފުސް ރޯގާ ހިމެނެވެ.

އޮޕަރޭޝަންތަކަށް ފަހު ހޮޑުލަވާ މީހުންނާ، ކެންސަރު ޖެހިފައިވާ ބަލިމީހުން ދޭ ކީމޯތިރަޕީއަށް ފަހު ހޮޑުލަވާ ގޮތްވާނަމަވެސް އިނގުރުން ފަރުވާ ހޯދެއެވެ. މާބަނޑު ވުމުގެ ސަބަބުން ހޮޑުލެވުމާއި މޭ ނުބައި ކުރުމަށް ވެސް އިނގުރުން ފަރުވާ ހޯދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމުގެ ސަބަބުން ހުޅުތަކާއި މަސްތަކަށް ތަދުވާނަމަ އިނގުރު ބޭނުން ކުރުމުން އެކަމަށް ލުއި ލިބިގެންދެއެވެ. ގިނަ ބަޔަކަށް މިއަދު ކުރިމަތިލާންޖެހިފައިވާ އޮސްޓިއާތްރިޓިސްގެ ޕޭޝަންޓުންނަށްވެސް އިނގުރުން ލުއި ލިއްބައިދެއެވެ. މިފަދަ ޕޭޝަންޓުން އިނގުރު ބޭނުން ކުރުމުން، ހުޅުގައި އަޅާ ވޭން ކުޑަކޮށްދޭ ކަމަށްވެއެވެ.

ލޭގެ ހަކުރާ ކޮލަސްޓްރޯލް ކުރުމަށްވެސް އިނގުރު އެހީތެރިވެދެއެވެ. ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވުމަކީ ހިތުގެ ތަފާތު ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ހަކުރު ބައްޔަކީވެސް ކޮންޓްރޯލް ނުވެ، ދިގުލަ ދާނަމަ ފުރާނައަށް ނުރައްކާ ހާލަތްތައް މެދުވެރިކުރުވާ ބައްޔެކެވެ.

އިނގުރާ ލުނބޯ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ބުއިމެއް / ފައިލް ފޮޓޯ: ހެލްދީ ރެސިޕީޒް

ޖިންޖާ ލެމަން ފިޒް

ބެނުންވާނެ ތަކެތި

  • 50ގ ތާޒާ އިނގުރު (ރާޅުކޮށް ކޮށާފަ)
  • 300ގ ކާސްޓާ ޝުގާ
  • 2 ލުނބޯ (ތުނިކޮށް ކޮށާފަ)
  • 150-200 އެމްއެލް ބޯފެން
  • ސްޕާކްލިންގް ވޯޓާ

ތައްޔާރު ކުރާނެ ގޮތް

  • ތަވައަކަށް އިނގުރު، ހަކުރު އަދި ލުނބޯ ފޮތިތައް އެޅުމަށްފަހު، 150-200 އެމްއެލް ފެނުގައި ކައްކަން އުދާށެވެ. ހަކުރުތައް ވިރެންދެން ކައްކާށެވެ. އެއަށްފަހު، އުނދުން މަތިން ބާލާ، ހިހޫ ކުރަން ބަހައްޓާށެވެ.
  • ހިހޫވުމުން ފުރޭންޏަކުން، ޖަގަކަށް ފުރާނާލާށެވެ.
  • އެއަށްފަހު، ސްޕާކްލިންގް ވޯޓާ އަޅާށެވެ. ބޭނުން ނަމަ، އިތިރު، ތާޒާ ލުނބޯ ފޮތިވެސް އަދި އެޅިދާނެއެވެ.

ނޯޓް: ސްޕާކްލިންގް ވޯޓާ އެޅުމުގެ ކުރިން ހުންނަ ސިރަޕްގަނޑަކީ، ހަފުތާއެއްހާ ދުވަސް ވަންދެން ފުރިޖެއްގައި ރައްކާ ކޮށްފައި ބެހެއްޓޭނެ ސިރަޕެކެވެ.

އިނގުރު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފައިލް ފޮޓޯ: ޖަކާޓާޕޯސްޓް

އިނގުރަކީ އެ ބާވަތެއް ބޭނުން ކޮށްގެން ގޭގައިވެސް އަމިއްލައަށް ފަރުވާގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ހައިލުގެ ދުވަސްވަރު ކުރިމަތިވާ ދަތުތައް ކުޑަ ކުރުމަށް، އިނގުރާ، ފޮނިތޮށި މާމުއި އެއްކޮށްގެންވެސް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން، މޭގައި އަރިދަފުސް ހިފުން ފަދަ ވޭނެއްގައި އުޅޭނަމަ، އިނގުރާ، ކިރު އަދި މާމުއި އެއްކޮށްގެން ބުއިމުންވެސް ލުއި ލިއްބައިދޭނެއެވެ.

އިނގުރު ބޭނުން ކުރާނެ ތަފާތު އެކި ގޮތްތައް ހުރިއިރު، ބޭސް ވެރިކަމުގެ ފަރުވާއެއްގެ ގޮތުގައި ހަމައެކަނި އިނގުރަށް ބަރޯސާވުމުގެ ބަދަލުގައި، ކަމާ ބެހޭ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ ލަފާ ހޯދުން ބުއްދިވެރިއެވެ.