މުޅި ދުނިޔެ ސިއްސުވާލި އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޕާކިސްތާނުގެ ހިލޭ އެހީދޭ ޖަމިއްޔާއަކުން އިސް ނަގައިފިއެވެ.

ކޮންޓްރޯލެއް ނެތި، އިންޑިއާގައި ކޮވިޑް ފެތުރެމުން ދާއިރު، ޕާކިސްތާނުގެ އީދީ ފައުންޑޭޝަން ޗެރިޓީއިން ވަނީ، އެމްބިއުލާންސް އަދި ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއަށް ތައްޔާރަށް އޮތް ކަން، އިންޑިއާގެ ސަރުކާރަށް އަންގާފައެވެ.

އީދީ ފައުންޑޭޝަންގެ އިސް އޮފިޝަލު، ފައިސަލް އީދީ ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް އޭނާގެ ސިޓީއެއްވެސް ފޮނުވާފައެވެ. މިއަދުގެ ވަގުތެއްގައި ފޮނުވި މި ސިޓީގައި ބުނެފައި ވަނީ، އިންޑިއާއަށް ކުރިމަތިލާން ޖެހިފައި މިވާ ހައްސާސީ ދަނޑިވަޅުގައި، އެ ޖަމިއްޔާގެ ހިދުމަތްތެރިންނާއެކު، 50 އެމްބިއުލާންސްގެ ފްލީޓެއް އިންޑިއާއަށް ފޮނުވާ ދިނުމަށް އެ ޖަމިއްޔާއިން ތައްޔާރަށް އޮތް ކަމަށެވެ. އަދި އިންޑިއާގެ ހާލާ މެދު ހަމްދަރުދީ ވާ ކަމަށްވެސް ފައިސަލް އީދީގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

މިއަދުވެސް އިންޑިއާއިން ވަނީ ރެކޯދް އަދަދުތަކުން ކޮވިޑް ކޭސްތައް ރެކޯޑް ކޮށްފައެވެ. އެގޮތުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 332730 ކޮވިޑް ކޭސް ފެނިފައި ވާކަމަށް އިންޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، މުޅި ދުނިޔެވެސް ދުށް ރެކޯޑެކެވެ. ބުރާސްފަތި ދުވަހުވެސް އިންޑިއާއިން ވަނީ ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކޮށްފައެވެ.

މިކަމާ ގުޅިގެން ގިނަ ގައުމުތަކަކުން ދަނީ، އެ ގައުމުގެ ބޯޑަރުތައް، އިންޑިއާއަށް ބަންދު ކުރަމުންނެވެ.

އިންޑިއާގެ ހާލަތު އިންތިހާއަށް ގޯސްވަމުން އަންނައިރު، އިންޑިއާގެ އަދުއްވު އަދި ސަރަހައްދީ ވާދަވެރިއެއް ކަމަށްވާ ޗައިނާއިންވެސް ވަނީ، އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަން ހާމަކޮށްފައެވެ.