ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 69،800 އަށް ވުރެ ގިނަ މީހުން ވެކްސިންތަކުގެ ދެވަނަ ޑޯޒު ޖަހައިފިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ބުރާސްފަތު ދުވަހު ރާއްޖެއިން ޖުމްލަ 8948 މީހުން ވެކްސިން ޖާހާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 1732 މީހުންނާއި ދެވަނަ ޑޯޒް ޖެހި 7216 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 288،903 އަށް އަރާފައެވެ. އޭގެތެރެއިން 69،802 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ. މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ. މީގެ އިތުރުން އެއާޕޯޓް ފާސް އޮންނަ މީހުންނަށް އެމްއެސީއެލްގައި ހުންނަ ވެކްސިން ސެންޓަރުން ވެސް ވެކްސިން ޖަހައިދެއެވެ.

ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17 ގައެވެ. ސިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް އޭޕްރީލް 20 ވަނަ ދުވަހު ފަށާފައިވާ އިރު، އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުގައި އެންމެ ބާރު ބޮޑީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހާ ސެންޓަރުތަކެވެ. އެ ސެންޓަރުތަކުގައި ކިއު ލައިން ދިގުވެ ގިނަ އިރު ވަންދެން މީހުން ކޮޅަށް ތިބެން ޖެހޭ މައްސލަަ ފެންމަތިވަމުން އަންނާތީ ލުޔެއްގެ ގޮތުން އެޗްޕީއެއިން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭ 4 ސެންޓަރަކުން ވެކްސިން ޖެހުމަށް ކިއުބީ މެދުވެރިކޮށް ޓޯކަން ނެގޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ ސެންޓަރު ތަކަކީ މަޖިލިސް އިދާރާގެ އިތުރުން ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލެރީ އަދި ހުޅުމާލެ ވެކްސިން ސެންޓަރެވެ.