މިހާތަނަށް އެއްވެސް ރަަށެއްގެ އާބާދީގެ 60 ޕަސަންޓަށް ވެކްސިންގެ ދެ ޑޯޒް ހަމަވެފަ ނުވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓާގެ ފަރާތުން ވާހަކަ ދައްކަވަމުން ފާތިމަތު އަނާ ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އާބާދީގެ ތެރެއިން ފުރަތަމަ ޑޯޒްގެ 60 ޕަސަންޓް ހަމަކޮށްފައިވަނީ ގާތްގަނޑަކަށް 120 ރަށެއްގައި ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ރަށެއްގައި 60 ޕަސަންޓުގެ ދެ ވަނަ ޑޯޒް ހަމަވެފައިވާ ނުވާ ކަމަށް އަނާ ވިދާޅުވިއެވެ.

ކޮވިޑް-19އަށް ޖަހަމުންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ކަރަންޓީނުނުވެ ދަތުރުކުރެވޭގޮތުގެ އުސޫލު އެޗްޕީއޭ އިން އާންމު ކޮށްފައިވާއިރު އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކަރަންޓީނުވުމާ ނުލާ ދަތުރު ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލުގައި ބުނެފައި ވަނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް، ފަސް އިންސައްތަ އަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުޑަ ކުއްޖެއް ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެ އިތުރުން ދީފައިވާ ލުޔަކީ ފަތުރުވެރީން ހިމެނޭ ގޮތަށް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުމެވެ. ނަމަވެސް، ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދި، ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް އެ ކަމުގައި އިސްތިސްނާ ވެއެވެ.

އެމީހުންނަށް ރާއްޖެއަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކުއެވެ.