ފެނަކައިގެ ކޮރަޕްޝަނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ދިން މުއްދަތު ފަހަނަ އަޅާ ގޮސްފައި ވާއިރު އެ މުއްދަތުގައި 3 ކަމެއް އިސްލަހު ކޮށްފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ފެނަކަ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 13 ކަމެއް އިސްލާހު ކުރަން އެ ކުންފުންޏަށް ދިން މުއްދަތު މި މަހުގެ 7 ވަނަ ދުވަހު ވަނީ ހަމަ ވެފައެވެ.

އެއާއެކު އެކަންކަން ސާފު ކުރަން "ދަ ޕްރެސް" އިން ފެނަކަ އެމްޑީ އަހުމަދު ސައީދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރުމުން 2 ބޭފުޅުން ކުރެ އެއް ބޭފުޅަކުވެސް ޖަވާބެއް ނުދެއްވާ ހަނު ތިއްބެވީއެވެ. އެންމެ ފަހުން އެ މައްސަލައިގައި ޖަވާބު ދާރީ ވީ ރައީސް އޮފީހުންނެވެ.

ފެނަކަ އެމްޑީ އަހުމަދު ސައީދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރުމުން 2 ބޭފުޅުން ކުރެ އެއް ބޭފުޅަކުވެސް ޖަވާބެއް ނުދެއްވާ

އެ މައްސަލާގައި ރައީސް އޮފީހުން ބުނީ ފެނަކައަށް ދީފައިވާ މުއްދަތުގައި 3 ކަމެއް ހައްލު ކޮށްފައި ވާ ކަމަށެެވެ. އެއީ؛

  1. ކުއްލި ކުއްލި އަށް އެއްޗެހި ގަތުން ހުއްޓާލުމާއި ދުރާލާ އެއްޗެހި ގަނެ މަދުވެގެން 6 މަހުގެ ސްޓޮކެއް ބަހައްޓަން ފަށުން
  2. ބޭނުންވާ ބައެއް ތަކެތި އަގަކަށް ބެލުމެއް ނެތި ބޮޑު އަގުގައި ބާޒާރުން ގަންނަމުން ދިއުން ހުއްޓާލުން
  3. ވަޒީފާއަށް ޝަތުރު ހަމަވާ މީހުން ތިއްބަސް އިދާރީ ގޮތުން އެމްޑީ ބޭނުންވާ މީހަކަށް ވަޒީފާ ދެވޭ ގޮތަށް އޮތް އުސޫލަށް އަމަލު ކުރުން ހުއްޓާލުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ހައްލުކުރުމަށް، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ތައްޔާރު ކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސީޖާ އަދި ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން 9 އިސްލާހެއް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

މީގެ އިތުރުން، އިސްލާހުކުރަން ފެންނަ އިތުރު 4 ކަމެއް އިސްލާހު ކުރުމަށް ވެސް އެ ކުންފުންޏަށް އޮތީ އަންގާފައެވެ.

ހުސްވި މާޗްމަހުގެ 13 ވަނަ ދުވަހު އެ ކަންކަން އިސްލާހު ކުރުމަށް އެންގި ކަންކަން އިސްލާހު ކުރަން ދިން މުއްދަތު ހަމަ ވި އިރު، އެ ކުންފުނީގެ ދެ އޮޑިޓެއް މި އަހަރު ނިމުމުގެ ކުރިން ހެދުމަށް ވެސް ވަނީ އަންގާފައެވެ.

ޖުމްލަ 13 ކަމެއް ނިންމުމަށް މަހަކަށް ވުރެ ގިނަ ދުވަސް ދީފައި ވީ ނަމަވެސް ދެން ހުރި ކަންކަން އަންނަ މޭ 31 ގެ ނިޔަލަށް އިސްލާހު ކުރާނެ ކަމަށް ފެނަކައިން ފިނޭންސަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިދިޔަ މަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އޭސީސީން ތަހުގީގު ކުރާ ފެނަކައިގެ މައްސަލަތަކަކާ ގުޅޭ ރިޕޯޓެއް ލިބިވަޑައިގެންފައި ވާ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޕީސީބީން މައްސަލަތައް ބަލައި ފެނަކަ އިސްލާހުވާން މުއްދަތެއް ދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު (ވ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު / ފައިލް ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީއަށް ހުށަހަޅާފައި ވެއެވެ. އޭގެ ތެރެއިން 22 މައްސަލައެއް ބަލަމުން ދާ ކަމަށް އޭސީސީން ބުނާއިރު އޭގެ ތެރޭގައި ފެނަމަ އެމްޑީ ސައީދަ ސީދާ ގުޅުން ހުރި މައްސަލަތައްވެސް ހިމެނޭ ކަމުގެ ވައުލޫމާތު ވަނީ ލިބިފައެވެ.