ޕާކިސްތާނުގެ ކުއޭތާއޭ ކިއުނު ސިޓީގައި ހިންގާ ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއެއްގައި 4 މީހުން މަރުވެ، 12 މީހުން ޒަހަމްވެއްޖެއެވެ.

ސެރީނާ ހޮޓެލްގައި ކާރު ޕާކު ކުރަން ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާއަކީ، ޕާކިސްތާނުގައި ހުންނަވާ ޗައިނާގެ ސަފީރަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް މުރާސިލުން ތުހުމަތު ކުރެއެވެ.

ހަމަލާ ދިން ވަގުތަކީ، އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިކަން ކުރާ ކުއޭތާ ސިޓީގައި ސަފީރު ހުންނެވި ކަމަށް ބެލެވޭ ވަގުތެކެވެ. ނަމަވެސް، ހާދިސާ ހިނގި ސީންގައި ސަފީރު ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ސެރީނާ ހޮޓަލަކީ ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ޒިޔާރަތް ކުރައްވާ އިސް މެހެމާނުންގެ މެދުގައި މަގުބޫލު ހޮޓަލެކެވެ.

އިތުރު ތަފްސީލެއް ދިނުމެއް ނެތި، ޕާކިސްތާނުގެ ތޯލިބާނުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

އަފްޣާނިސްތާނާއެކު ޕާކިސްތާނުން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި، ގަބީލާތަކުން ދިރިއުޅޭ ސަރަހައްދުތަކުގައި ތޯލިބާނުން ދޭ ހަމަލާތައް، މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ޕާކިސްތާނުގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އޭއާރްވައިގައި ވާހަކަދައްކަވަމުން، ޕާކިސްތާނުގެ ދާހިލީ ވަޒީރު، ޝައިހް ރާޝިދު އަހުމަދު ވިދާޅުވީ، ގޮވާތަކެތި ބަރުކޮށްފައި އޮތް ކާރެއް ގޮވީ ކަމަށެވެ. ކަންމިހެން އޮތް އިރު، އޭއެފްޕީއިން ވަނީ، މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ.

ރާޝިދު ވިދާޅުވީ، ހާދިސާ ހިނގި ވަގުތަކީ، ޗައިނާ ސަފީރު ނޮންގް ރޮންގް، އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ވަގުތެއް ކަމަށާ، އެހެން ކަމުން އެވަގުތު ހޮޓަލުގައި އޭނާ ނެތް ކަމަށެވެ.

ބަލޫޗިސްތާންގެ ޕްރޮވިންޝަލް ހޯމް މިނިސްޓަރު ޒިއާއުއްލާ ލަންގޯ ވިދާޅުވީ، ޗައިނާގެ ސަފީރު ހުންނެވީ ހެޔޮ ހާލު ކޮޅުގައި ކަމަށާ، ކުއޭތާއަށް ކުރައްވަމުން ގެންދަވާ ދަތުރު ނިންމަވާލައްވާނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.