53 މީހުންނާއެކު އިންޑޮނޭޝިއާއިން ބުދަ ދުވަހު ގެއްލުނު ސަބްމެރީން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށާ، މިކަމުގައި ސިންގަޕޫރާ އޮސްޓްރޭލިއާ ފަދަ އަވަށްޓެރިންގެ އެހީއަށް އެދިފައި ވާނެ ކަމަށް، އިންޑޮނޭޝިއާ އަސްކަރިއްޔާގެ އިސްވެރިޔާ ހާދީ ޖާޖަންޓޯ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ ޖަރުމަނުވިލާތުގައި އުފައްދާފައިވާ، ކޭއާރްއައި ނަންގައްލާ-402 ސަބްމެރީން ކަމަށާ، ގެއްލުނުއިރު ސަބްމެރީން ދިޔައީ ޓޯޕީޑޯ ޑްރިލްއެއް ޖައްސަމުން ކަމަށެވެ. ސަބްމެރީން ގެއްލުނު ކަން އެނގުނީ، އިންޑޮނޭޝިއާގެ ބާލީގެ އުތުރުން އޮންނަ ކަނޑުގެ ސަރަހައްދުގައި ޑްރިލް ޖައްސަމުން ދިޔަ ސަބްމެރީންއިން މައުލޫމާތު ރިލޭ ކުރަން ޖެހޭ ވަގުތަށް އެކަން ނުކުރުމުން ކަމަށްވެސް ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ އިސްވެރިޔާ ހާދީ ވިދާޅުވި ގޮތުގައި، ސަބްމެރީންއާ ގުޅުން ކެނޑުނީ ބުދަ ދުވަހުގެ ފަތިހު، 04:30ގައި ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ 1395 ޓަނުގެ ސަބްމެރީންއަކީ، 1978 ވަނަ އަހަރު ޖަރުމަނުވިލާތުގައި އުފެއްދާފައިވާ ސަބްމެރީންއެކެވެ. އޭގެ ފަހުން، 2 އަހަރު ދުވަސް ވަންދެން ދެކުނު ކޮރެއާގައި ސަބްމެރީން ރީ-ފިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އެ މަސައްކަތް ނިންމާލީ 2012 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑޮނޭޝިއާއިން ދަނީ އެ ގައުމުގެ އަސްކަރީ އާލާތްތައް ޒަމާނާ އެކަށީގެންވާ މިންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައެއް އާލާތްތަކަކީ އަދިވެސް ދުވަސްވީ އާލާތްތަކެއް ކަމުން، އިންތިހާއަށް ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާންޖެހެއެވެ.