ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ރައީސްކަމާއި ނާއިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކޮށްފިއެވެ.
އެގޮތުން ޕޮލިސް ބޯޑުގެ ރައީސްކަމަށް އިންތިހާބު ކޮށްފައި ވަނީ މއ. މަނާގެ އަލީ ފާއިޒެވެ. އަދި އެ ބޯޑުގެ ނާއިބް ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ މ. ހަޒާރީވިލާ، އަޙްމަދު ފަޔާޒް ހަސަނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، "ޕޮލިސް ބޯޑު" އެކުލަވައި ލައްވައިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހެވެ.
އެ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ.
ޕޮލިސް ބޯޑުގައި ހިމެނޭ މެންބަރުން:
- އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
- އައިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
- އަލީ ފާއިޒު، މއ. މަނާގެ
- އަހްމަދު ނާޝިދު، މއ. ގޯލްޑަންމޫން
- އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
- ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނާ
- ސަފާ ޝަރީފް، ދެތަޑިމާގެ / ސ. ހުޅުދޫ
ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ކޮމިޝަނަރާއި އެހެނިހެން އޮފިސަރުންނަކީ މަގާމަށް އެކަށޭނެ ބައެއްތޯ ވަޒަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުން ހިމެނެއެވެ.
ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ޕޮލިސް ބޯޑާއި ފުލުހުންގެ ބިލަކީ ފެބްރުއަރީ 7، 2012 އަށް އަމާޒު ކޮށް ހެދި ބިލެއް ކަމަށް ގިނަ ބަޔަކު ބުނާއިރު ފުލުހުން ބުނެފައި ވަނީ އެ ބިލަކީ، ފުލުހުންގެ މަޝްވަރާއާ އެއްގޮތަށް އޮތް ބިލެއް ކަމަށެވެ.
އެ ބިލާ ގުޅޭ ގޮތުން، ފުލުހުންގެ ތަރުޖަމާން ޗީޕް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ، އެއީ ފުލުހުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުހީބުދޭ ބިލެއް ކަމަށާއި ފުލުހުންގެ މުައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށްވެސް އެ ބިލުން ފުރުސަތު އޮތް ކަމަށެވެ.