ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫ ތަކުގައި ސޮއިކޮށްފައި ވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި 2 އެމްއޯޔޫ އަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވާމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވާމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ.

މި އެމް.އޯ.ޔޫ ތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ކުވައިތުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި މިނިސްޓާ އޮފް ސްޓޭޓް ފޮ ކެބިނެޓް އެފެއާޒް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް އެވެ.

މި އެމްއޯޔޫ ތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކު ރުމަށް އިތުރަށް ފަސޭހަ ވެގެންދާނެއެވެ.