ބ. އޭދަފުއްޓާއި، ކ. ހިންމަފުއްޓާއި ތ. ތިމަރަފުއްޓާއި އއ. ބޮޑުފޮޅުދޫ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފިއެވެ.

އެޗްޕީއޭގެ ރެކޯޑްސްތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ ރަށްރަށުގެ ތެރެއިން 17 ރަށެއް ވަނީ ކޮވިޑް ޕޮޒިޓިވް ކޭސް ފެނުމުގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. އެ ގޮތުން މިއަދު ވަނީ 4 ރަށެއް މޮނިޓަރިން އަށް ލާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ ބ. އޭދަފުއްޓާއި، ކ. ހިންމަފުއްޓާއި ތ. ތިމަރަފުއްޓާއި އއ. ބޮޑުފޮޅުދުއެވެ.

އެހެންކަމުން މިހާރު ތ. އަތޮޅުން މި ވަނީ 7 ރަށް މޮނިޓަރިންއަށް ލާފައެވެ. އެއީ ތިމަރަފުށީގެ އިތުރުން، ގާދިއްފުށި، މަޑިފުށީ، އޮމަދޫ، ކިނިބިދޫ، ވޭމަންޑޫ، އަދި ވިލިފުއްޓެވެ. މީގެ އިތުރުން މޮނިޓަރިންގައި ހުރި ރަށްރަށަކީ ކ އަތޮޅުން ހުރާ އާއި ދިއްފުށު، ޅ. އަތޮޅުން ނައިފަރާއި ފެލިވަރާއި ހިންނަވަރު، އދ. އަތޮޅުން މާމިނގިލިއެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.