ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލޭގައި ދެވަނަ ޑޯޒް ޖަހައިދޭ ތިން ސެންޓަރަކުން ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކުރާ ގޮތަށް ނިންމައިފިއެވެ.

އެޗްޕީއޭން ބުނީ އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު މިހާރު އޮންލައިންކޮށް ކިއުބީ މެދުވެރިކޮށް ދޫކޮށް އަދި ކިއު ނަންބަރު ބެލޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ކޮންމެ ރެއަކު 1000 ޓޯކެން ދޫކުރަން ނިންމާފައި ވާއިރު ސޯޝަލް ސެންޓަރުން ދޫކުރާނީ 500 ނަންބަރު ކަމަށާއި ނޭޝަނަލް އާޓް ގެލަރީން ދޫކުރާނީ 300 ނަންބަރު ކަމަށާއި އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ދޫކުރާނީ 200 ނަންބަރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ވެކްސިން ޖެހުމަށް ނަންބަރު ދޫކުރަން ފަށާނީ ކޮންމެ ރެއަކު ރޭގަނޑު 9:00 އިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެ ތިން ސެންޓަރަކީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހައިދޭ ސެންޓަރުތަކެވެ. މި ދުވަސްވަރު މާލެ ސަރަހައްދުގައި އެންމެ ބާރު ބޮޑީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހާ ސެންޓަރުތަކެވެ.

ވެކްސިން ކިއު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައި މި ވަނީ މާލޭގައި ވެކްސިން ކިއުތައް ދިގުވެގެން ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިން ޖަހައި ދިނުމުގައި އާންމުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އާންމުންނަށް ހަމަހަމަ ކަމާއެކު ވެކްސިން ޖަހައިދެމުން ދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 218،848 އަށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މި ވަނީ 45،813 އަށް އަރާފައެވެ.

މި ރަމަޟާން މަހު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެތަނުން ވެކްސިން ޖަހައި ދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. މިހާރު ރާއްޖޭގައި ފުރަތަމަ ޑޯޒް ޖަހައި ދެނީ ސައިނޯފާމް ވެކްސިން އެވެ. އެ ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ހަމައެއާއެކު، މާލެ ސަރަހައްދުގެ 6 ވެކްސިން ސެންޓަރަކުން ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެއެވެ. އެ ސެންޓަރުތަކުން ވެސް ވެކްސިން ޖަހައި ދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. އެ ސެންޓަރުތަކަކީ، ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)، ވިލިމާލެ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލެވެ.