ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

މައްސަލަ ބަލައިގެންފައިވީ ނަމަވެސް އަޑުއެހުންތައް ފަށާނެ ވަކި ދުވަހެއް ސުޕްރީމް ކޯޓުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދަށު ކޯޓާއި ހައިކޯޓުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލާގައި، ހަދާފައި ހުރި ގޯސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.

އޭގެއިތުރުން، އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް އިއްޔެ ވެސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.