މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސިން ގެންގުޅުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވުމާއި ގުޅޭ މައްސަލައިގައި ގިނަ ދުވަސް މަތިން ދައުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކުގެ މެދުގައާއި، އޮޑިވެރިންނާއި މަސްވެރިން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން މަސް ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮޑިވެރިންނަށް ވަރަށް ބޮޑަށް އޮތްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން، ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތައް ހިންގަމުންދާ މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ބައެއް ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި (ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް) ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ވަނި ބުނެފައެވެ.

އެގޮތުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، ދެ ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުގެ ޖަދުވަލު 2 (ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާބެހޭ އުސޫލު)ގެދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ހަމަތައް މިހާރު ކަނޑައެޅިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މަސަވެރިން މަސް ބޭނުމުގައި / ފޮޓޯ: ޒުވާން މަސްވެރިޔާ

އެގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށެވެ. އަދި ބިދޭސީން ހަރަކާތްތެރިވުމަށް ހުއްދަދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރަށެވެ.

މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީހެއް އޮތް، އެމަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއް އެކުލެވޭ މަސްވެރިކަމަކަށްވާކަމީ ދުނިޔޭގެ ފެންވަރުގައި ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް ލިބިފައިވާ ބޮޑު ފުރުސަތެއް ކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން މަސްވެރިކަމުގެ ގަވާއިދުތަކަށް ގެނެވުނު ބަދަލަކީ، އެކުވި ގޮތެއްގައި މަސްވެރިން އަދިއޮޑިވެރިންނާއި މަޝްވަރާކުރެވި މުޅި ސިނާއަތުގެ މަންފާއަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ގަވާއިދުތަކަށް ގެނެވުނު ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ސައްހަ ހުއްދައެއް އޮވެގެން ހަރަކާތްތެރިވާ ފަރާތްތަކެއްކަން ޔަގީންކުރުމަށް މިނިސްޓްރީގެ ފަރާތުން އޮޑިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.