ކޮވިޑް-19 ވެކްސިން ޖަހާ ދޭ މާލޭގެ ބައެއް ސެންޓަރުތަކުގެ ވެކްސިން ކިއު އޮންލައިންކޮށް ބެލޭނެ ގޮތް އެޗްޕީއޭއިން ހަދައިފިއެވެ.

އެޗްޕީއޭން ބުނީ އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު މިހާރު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ނަގާ ނަންބަރުތައް އޮންލައިންކޮށް ބެލޭނެއެވެ.

އެ ވެކްސިން ސެންޓަރުތަކުން ޓޯކެން ނަންބަރު ނެގުމަށް ފަހު، ކިޔޫގައި މަޑުކުރުމުގެ ބަދަލުގައި، އޭގައި އިންނަ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން އެވަގުތު ހިދުމަތް ދެމުންދާ ނަންބަރު ފެންނާނެއެވެ. އެ ތިން ސެންޓަރަކީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހައިދޭ ސެންޓަރުތަކެވެ. މި ދުވަސްވަރު މާލެ ސަރަހައްދުގައި އެންމެ ބާރު ބޮޑީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހާ ސެންޓަރުތަކެވެ.

ވެކްސިން ކިއު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައި މި ވަނީ މާލޭގައި ވެކްސިން ކިއުތައް ދިގުވެގެން ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

ރޯދަ މަހު މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިން ދެމުން ދަނީ ރޭގަނޑު 9:00 ން 11:45 އަށެވެ.