އަމީނިއްޔާ ސްކޫލަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ހ. ނީލްވިލާ، ނާއިލާ އިބްރާހީމް ކަލޭފާނު، ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ ދެ ކަނބަލުން އެ ހަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި އެ ހިތާމައިގައި އެ އާއިލާގެ އެންމެހައި މެންބަރުންނަށް ވަރަށް އިހްލާސްތެރިކަމާ އެކު ރައީސްގެ ދެކަނބަލުން ތައުޒިޔާ ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ތަފާތު މަގާމުތަކުގައި، އެ ސްކޫލަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. އަދި އަލްމަރްހޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ޑިސެންބަރު 28، 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި، ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި، ހެޑްޓީޗަރު ކަމާއި، ސެކަންޑަރީ ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމުގެ މަގާމު ފުރުއްވިއެވެ. އެގޮތުން ނާއިލާ ވަނީ އަމީނިއްޔާ ސްކޫލަށް 26 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ގިޔާސުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި، ގައުމީ ކުތުބުހާނާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.