އިލްމީ، ގާބިލް އަންހެނަކަށް ޑެޕިއުޓީ މޭޔަރު ކަމުގެ ފުރުސަތު ދިނުމަކީ އެދޭ ކަމެއް ކަމަށް ވިލިމާލެ ދާއިރާއިން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކުރުމަށްޓަކާ ވޯޓުލާ އާބާދީގެ ދެބައި ކުޅައެއްބަޔަށް ވުރެ ބޮޑު ބައެއް ކަމަށްވާ އަންހެނުންނާއި ޒުވާނުންގެ ގިނަ އަދަދެއްގެ ވޯޓު ނެގުމަށްޓަކާ އިލްމީ، ގާބިލް، ހިތްވަރުހުރި ކެރޭ އަންހެނަކަށް ޑެޕިއުޓީ މޭޔަރު ކަމުގެ ފުރުސަތު ލިބިގެން ދިއުމަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްއިން އެދޭ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނިމިދިޔަ ދައުރުގައި މާލެ ސިޓީ ކައުންސިލުގައި އަންހެނަކާއި ފިރިހެނަކު މާލެ ސިޓީގެ މޭޔަރު ކަމާއި ޑެޕިއުޓީމޭޔަރުކަން ކުރައްވާފައިވާއިރު އަންހެނުންނާއި ފިރިހެންނުންނަށް ހަމަހަމަ ފުރުސަތު އަދި ހަގީގީ ބާރުވެރިކަން ދެ ޖިންސަށް ހަމަހަމަ އަށް ލިބިދިނުމަކީ މި ދައުރުގައި ޕީޕީއެމް އިން ވެސް ތަރްހީބު ދޭ ކަމެއްކަމަށް ޔަގީން ކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މި ސަބަބުތަކަށްޓަކައި އިލްމާއި ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި އަންހެނެއް ކަމަށް ގަބޫލު ކުރާ ހާލު އަދި ގިނަ ބައެއްގެ އެދުމުގެ މަތިން ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރަކު އިންތިހާބު ކުރާނީ މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ މީހުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.