ރާއްޖެއިން، ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 34531 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ހިއްސާ ކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު، އިއްޔެ އެކަނިވެސް 5661 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ މާލެ ސަރަހައްދުން 3901 މީހަކާއި، އަތޮޅުތެރެއިން 1660 މީހެކެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު މިވަނީ 34531 އަށް އަރާފައެވެ.

ހަމައެއާއެކު، އިއްޔެ 2740 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައެވެ. އެއީ މާލެއިން 231 މީހަކާއި އަތޮޅުތެރެއިން 2509 މީހެކެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 277522 އަށް އަރާފައެވެ.

މި ރަމަޟާން މަހު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އެތަނުން ވެކްސިން ޖަހައިދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. މިހާރު ރާއްޖޭގައި ފުރަތަމަ ޑޯޒް ޖަހައި ދެނީ ސައިނޯފާމް ވެކްސިންގެ އެވެ. އެ ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ހަމައެއާއެކު، މާލެ ސަރަހައްދުގެ 6 ވެކްސިން ސެންޓަރަކުން ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެއެވެ. އެ ސެންޓަރުތަކުން ވެސް ވެކްސިން ޖަހައި ދެނީ ރޭގަނޑު 9:00 އިން 11:45 ގެ ނިޔަލަށެވެ. އެ ސެންޓަރުތަކަކީ، ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)، ވިލިމާލެ ޒުވާނުްނގެ މަރުކަޒުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލެވެ.