ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒްއެއް، އަންނަ އަހަރު ދޭން ޖެހުން އެކަށީގެންވާ ކަމަށް ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރައީސް ޖޯ ބައިޑަންގެ ކޮވިޑް-19 ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ އިސް ސައެންސް އޮފިސަރު، ޑޭވިޑް ކެސްލާ ވިދާޅުވީ، ފުރަތަމަ ޑޯޒް ޖެހިތާ 9 މަހާއި 12 މަހާ ދެމެދު، ބޫސްޓާ ޑޯޒްއެއް ޖެހުން އެކަށީގެންވާކަމަށެވެ.

މި ރޫހުގައި ވާހަކަދައްކަވަމުން ކެސްލާ ވިދާޅުވީ ބޫސްޓާ ޑޯޒް ދޭއިރު އެންމެ އިސް ކަމެއް ދިނުން އެކަށީގެންވަނީ، އެންމެ ނާޒުކު ހާލުގައި ތިބި މީހުންނަށް ކަމަށެވެ.

އެމެރިކާގެ ސެންޓާޒް އޮފް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑައިރެކްޓާ ރޯޝޭލް ވޮލަންސްކީ ވިދާޅުވީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ވޮލަންސްކީ ވިދާޅުވީ، އެމެރިކާއިން 77 މިލިއަނެއްހާ މީހުން ވެކްސިން ޖަހާފައި ވާއިރު، 5800 ކޭސް ފާހަގަ ކުރެވިފައި ވާކަމަށެވެ. މީގެ ތެރެއިން 396 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނުއިރު، 74 މީހަކު މި ބަލީގައި މަރުވި ކަމަށްވެސް ވޮލަންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު ޖަހަމުންދާ ކޮވިޑް ވެކްސިންތަކުން ދިފާއު ލިއްބައިދެނީ ކިހާ މިންވަރަކަށް ތޯ ދެނެގަތުމުގެ ދިރާސާތައް އަދިވެސް ދަނީ ކުރިއަށެވެ.

މިހާތަނަށް ލިބިފައިވާ މައުލުމާތަށް ބަލާއިރު، މޮޑާނާގެ ކޮވިޑް ވެކްސިނާ، ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިނުން ދިފާއު ލިއްބައިދެނީ 6 މަހެއްހާ ދުވަހަށެވެ. މިއަށް ވުރެ ދިގު މުއްދަތަކަށް ދިފާއު ދެމިގެން ދިޔަ ކަމުގައި ވީ ނަމަވެސް، އަލަށް ތައާރަފު ވަމުން ދާ ވޭރިއަންޓްތަކުގެ ސަބަބުން އަހަރީ އުސޫލުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ޖެހުން އެކަށީގެންވާކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.