ދިވެހި ރާއްޖެއަކީ މުއްސަނދި ސަގާފަތަކާއި ތާރީހެއް އޮތް ގައުމެކެވެ. އެ ސަގާފަތުގެ މުއްސަނދިކަން ހާމަވާ ދެވަނަ ކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އުޅޭ މީހުންގެ ދިރިއުޅުމާއި އާދަކާދައާއި ގެންގުޅޭ ވައްޓަފާޅި ތަފާތުކަމެވެ. ކޮންމެ ރަށެއްގައިވެސް ވަކި އުސޫލުތަކެކެވެ. ބައެއް ރަށްރަށަކީ މި ޖީލަށް އައި އިރުވެސް މުނި ކާފައިން ޒަމާނުގެ ކުރިން އެ ރަށެއްގެ އަމިއްލަ އާދަތަކެއް ގެންގުޅެމުން އައި ބައެކެވެ. ރީތި އުސޫލުތަކެއްގެ މަތީގައި ދެގޮތެއް ނުވެ ދެމިތިބި ބައެކެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 600 އެއްހާ މީހުން ދިރިއުޅެމުންދާ ރ. އަތޮޅުގެ ވާދޫއެވެ. ކުޑަ އާބާދީއެއް ނަމަވެސް އެއްބައިވަންތަ ކަމާއި އެކުވެރިކަމުގެ ނަމޫނާ މިސާލެކެވެ. މީހުންގެ ފަރާތުން އަޑުއިވޭ ވާހަކަތާކާއި ހަމަ ލޮލަށް ފެންނަން ހުރި މަންޒަރުތަކެވެ. ކުރާ ކޮންމެ ކަމެއްގައި އެހާމެ އެކުވެރިއެވެ. އަތްވަކަށް ވާރެއަކަށް ބެލުމެއް ނެތި މަސައްކަތް ކުރަނީ އެހާމެ އެކުވެރިކަމާއެކު އޮންނަ އުސޫލާއި އެއްގޮތަށެވެ.

ދައްކަން މި އުޅެނީ އެ ރަށުގައި އަންދުވަހުއްސުރެ ގެންގުޅެމުން އައި ބަދަލުވުމެއް ނެތް ޒަމާންވީ އާދަ ތަކެއްގެ ވާހަކައެވެ. މީގެ ކުރިން ރާއްޖޭގެ އެހެން ރަށަކުން ފެނިފައި ނުވާ ރީތި ސިފަތަކެއްގެ ވާހަކައެވެ. އެއީ ރަށުގެ ވެރިއަކަށް ހުންނަ މީހާގެ އަމުރަށް ކިޔަމަންވާ ބައެއް ދިރިއުޅެމުންދާ ރަށެކެވެ. ކާބަފައިންގެ އެ ރީތި އާދަ ދަމަހައްޓަން މިއަދާ ޖެހެންދެން މަސައްކަތް ކުރަމުންދާ ކުޑަކުޑަ މުޖުތަމައުއެކެވެ.

ރ.ވާދޫގައި ރަށުގެ ރައްޔިތުން ރޯދަ އަށް ވަލުން ކާށި ހޮވަން އެއްވަނީ / ފޮޓޯ: އިއްބެ ފޮޓޯގްރަފީ

ވާދޫގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދާ އާދައަކީ މުދިމު ޒަމާނުން ފެށިގެން އައިސް ކަތީބުގެ ޒަމާނުން ކައުންސިލަރުންގެ ޒަމާނަށްވެސް ދެމި އޮތް ކަމެކެވެ. ރައްޔިތުންގެ ރުއްތަކުން ވެއްޓޭ ކާށި، ފަން ހޮވުމުން ގޮސް އަމިއްލައަށް ވަލުގައި ހެދިފައި ހުންނަ އޮއްކެޔޮ ހޮވުމުގައިވެސް ހަމައެއް އުސޫލެކެވެ.

އެ ރަށުގައި އޮންނަ އުސޫލު ހިނގަމުންދާގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރައްވަމުން ކައުންސިލްގެ ރައީސް ހުސެއިން އަލީ ވިދާޅުވީ ކާށި ހޮވަން ވަލަށް ވަނުމުގެ ކުރިން ކޮންމެ ގެއަކަށް ރަށު ކައުންސިލުން އެކަމަށް ހާއްސަކޮށްފައިވާ ސްލިޕެއް ފޮނުވާނެކަމަށެވެ. އެ ފޮނުވާނީ ވަލުގައި ކާށި ގިނަވުމުން އެކަން ކައުންސިލަށް އާންމުންގެ މީހެއްގެ ފަރާތުން އެންގުމުންނެވެ.

އެ ސްލިޕްގައި ކާށި ހޮވުމަށްޓަކައި ރައްޔިތުން ފުރަތަމަ އެއްވާންވީ ތަނާއި ދުވަހާއި ވަގުތު ލިޔެފައި އޮވެއެވެ. އެއާއެކު ކާށިހޮވަން ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ދިއުމުގެ ފުރުސަތު ލިބެއެވެ.

ރ.ވާދޫގައި ރަށުގެ ރައްޔިތުން ރޯދަ އަށް ވަލުން ކާށި ހޮވަން އެއްވަނީ / ފޮޓޯ: އިއްބެ ފޮޓޯގްރަފީ

ކާށި ހޮވުމަށްޓަކައި އެންމެން އެއްތާކަށް އެއްވުމުން ކައުންސިލުގެ އިސްވެރިއަކު އާއްމުކޮށް ހާއްސަ މެސެޖެއް ދެއްވައެވެ. އެއަށްފަހު ވަލަށް ވަނުމުގެ ކުރިން ކާށި ހޮވަންދާ މީހުންގެ އަދަދު ބެލުމަށްވެސް ކުރަނީ ތަފާތު ކަމެކެވެ. އެއީ ކާށި ހޮވަންދާ ކޮންމެ ރައްޔިތަކު ފުނަ އޮށެއް، މިދިލި އޮށެއް، ގޮބަޅިއެއް ފަދަ އެއްޗެއް އެކަމަށް ހާއްސަވެފައިވާ ތަނަށް ލަނީއެވެ.

އެގޮތަށް ކަން ކުރާ ސަބަބެއް ކަމަށް ބުނީ ވަލަށް ވަނުމުގެ ކުރިން މަސައްކަތުގައި ބައިވެރިވާ މީހުން ދެނެގަނެ ކާށި ހޮވަންދާ މީހުންގެ އަދަދު ޔަގީން ކުރުމަށާއި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް އިންސާފުވެރިކަމާއެކު ކާށި ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކާށި ހޮވުމުގައި ގެންގުޅޭ ތަފާތު ގޮތް އެ ނިމުނީކީ ނޫނެވެ. ވަލަށް ވަންނަ ހިސާބުންވެސް ތިމާ ކުރަންޖެހޭ މަސައްކަތްވެސް އޮންނަނީ މާކުރިން ތަރުތީބުކޮށް ބަހާލާފައެވެ. އެގޮތުން ގަސް ބޯ ބޮނދީ ތަންތާންގައި ހުންނަ ރުއްތަކުގެ ކާށި ހާމަ ސަރަހައްދަށް ނެރުމުގެ މަސައްކަތް ފިރިހެން ވެރިން ކުރަމުންދާއިރު އަންހެން ވެރިން އެތަކެތި ކާށި ބަހަން ހަމަޖެހިފައިވާ ސަރަހައްދަށް ބަރޯގައި ގެންދަނީއެވެ. ކާށި ބަރޯގައި ގެންދިއުމުގައި ޖިންސުގެ ތަފާތެއް ނެތެވެ. ގުޅިގެން މަސައްކަތުގައި ބައިވެރިވާ ކަމުގެވެސް މިސާލެކެވެ.

ރ.ވާދޫގައި ރަށުގެ ރައްޔިތުން ނިކުމެ ރޯދަ އަށް ވަލުން ކާށި ހޮވައިގެން އަންނަނީ / ފޮޓޯ: އިއްބެ ފޮޓޯގްރަފީ

ވަލުގައި ހުރި ހުރިހާ ކާށި އެއް ތަނަކަށް އެއް ކުރުމަށްފަހު ދެން އޮންނާނީ އެރިނެގުމެވެ. (އެރި: ރުކަށް އަރައިގެން ކާށި އަޅާނަމަ، ރުކަށް އެރި މީހާއަށް ބައެއް އެޅުން) އެރި ބަހަނީ "ރައިވެރިއެއްގެ ދަރިންނަށްވެސް ހަތަރެތިން އެކަތި އޮންނާނެއޭ ބުނާ" އުސޫލުން އެރި ނަގަނީ ކޮންމެ ހަތަރު ކާއްޓަކުން އެއްކާއްޓެވެ.

ރ.ވާދޫގައި ރަށުގެ ރައްޔިތުން ނިކުމެ ރޯދަ އަށް ވަލުން ކާށި ހޮވާ އެއްކޮށްފައި / ފޮޓޯ: އިއްބެ ފޮޓޯގްރަފީ

ވަލުގައި ކާށި ގިނަވެއްޖެނަމަ ދޭތެރެއިން ކާށި ހޮވަން ނިކުމެއެވެ. ނަމަވެސް ރޯދަމަހަށް ހާއްސަކޮށް ވަލަށް ވަދެ ހޮވާ ކާށިގެ ތަފާތަކީ އެރި ބަހާ ބައި ގިނަވުމެވެ. އެ ބަހާނީ ދެބައަކަށެވެ. އެއީ ކައުންސިލަށް އެއްބަޔާއި ހޮވަން ދިޔަ މީހުންނަށް އަނެއްބައި ވާގޮތަށެވެ. ކާށި ބެހުމަށްފަހު ކާށި ގަންނަން އެދޭ ފަރާތްތައް ނަންނޯޓު ކުރުމަށް ކައުންސިލުން އަންގައެވެ.

ދޭ ވަގުތު ހަމަވާ އިރު ނަން ނޯޓު ކޮށްފައި ހުންނަ ގެތަކުގެ މެދުގައި ކާށި ހުރި ނިސްބަތުން ހަމަހަމަ އަށް ކާށިތައް ބަހާލައެވެ. ރަށު ތެރޭގައި ކާއްޓެއް 5 ރުފިޔާއަށް ވިއްކި ނަމަވެސް ކައުންސިލަށް ލިބޭ ކާށި ވިއްކަނީ 1 ރުފިޔާއަށެވެ. ސަބަބަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ކާށި ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރ.ވާދޫގައި ރަށުގެ ރައްޔިތުން ނިކުމެ ރޯދަ އަށް ވަލުން ކާށި ހޮވާ އެއްކޮށްފައި / ފޮޓޯ: އިއްބެ ފޮޓޯގްރަފީ

މި އަހަރު ރޯދައަށް ކާށި ހޮވުމަށް ވަލަށް ވަދެ 2 ގަޑި އިރެއްހާ އިރު ތެރޭ 6670 ކާށި ވަނީ ހޮވާފައެވެ. ކާށި ހޮވުމަށް ބޭނުންވެ 100 އަށްވުރެ ގިނަ މީހުން ނުކުމެފައިވާ ކަމަށާއި މިއީ ފަހުގެ ތާރީހެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ކާށި ހޮވަން ނުކުތް ފަހަރު ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. މި އަހަރު އެރި ނެގުމަށްފަހު ބޮލަކަށް 29 ކާށި ލިބިފައި ވެއެވެ.

ރ.ވާދޫގައި ރަށުގެ ރައްޔިތުން ނިކުމެ ރޯދަ އަށް ވަލުން ކާށި ހޮވަނީ / ފޮޓޯ: އިއްބެ ފޮޓޯގްރަފީ

ކާށި ހޮވުން އެއް ފަރާތެއްގައި ބާއްވަމާ ހިނގާށެވެ. އެ ރަށުގައި ގެންގުޅެމުން އައި ޒަމާންވީ އެ އުސޫލަށް ބަދަލު ނާންނަ ކަމުގެ ހެއްކަކީ އަމިއްލަ ރުކަކުން ވެއްޓޭ ފަނެއްވެސް ހޮވަން ޖެހޭ ދުވަހު ނޫނީ ނުހޮވާ ކަމެވެ. މިދިލި އޮއް (އޮއްކެޔޮ) ކިތަންމެ ގިނަ ވިޔަސް ހޮވަން ނިކުންނަނީ އެންމެންނެވެ. އެކުގައެވެ. އުސޫލާ އެއް ގޮތަށެވެ.

އުސޫލަކާ އެއްގޮތަށް އަމަލުކުރަމުންދާ ރަށެއްގެ ބަޔަކު ފެނުނު މިއީ ފުރަތަމަ ފަހަރޭ ދަންނަވަން ކެރިދާނެއެވެ. އުޅެ ބޮޑުވި އަމިއްލަރަށުގައި ވެސް ކުރެވުނު ތަޖުރިބާއަކީ ކޮންމެ ތާކު ހުންނަ ކޮންމެ މީހެއްގެ ރުކަކުން ވެއްޓުނު ކާއްޓަކަސް ފަނަކަސް އެންމެ ފުރަތަމަ ފެންނަ މީހާގެ މިލްކަކަށްވާ އުސޫލު އޮންނަ ކަމެވެ. އެއީ މީހެއްގެ އެއްޗެއްކަން ދެއްކުމަށް ފަނުގައި ގޮށެއް ޖަހުމާއި ކާށީގައި ކެވެލި ނަގާ ގޮށެއް ޖަހާ އުސޫލެވެ.

ކޮންމެ ރަށެއްގެ ބަޔަކީ ވާދޫ ރައްޔިތުން ފަދައިން ވާނެ ނަމަ އެކުވެރި އެއްބައިވަންތަ މުޖުތަމައުއެއް އުފެއްދިދާނެއެވެ. ފަރުދީ ޒިންމާ އަދާކުރާ ބަޔަކު އުޅޭ ރަށަކަށް ހެދިދާނެއެވެ. ވާދޫ ރައްޔިތުންގެ ފަރާތުން ފިލާވަޅު ލިބިގަނެ އެންމެން ބަލައިގަންނަ މުޖުތަމައުއެއް ބިނާކުރެވިދާނެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ކައުންސިލްގެ ފަރާތުން އެއްބާރުލުމާއި ރައްޔިތުންގެ ކިޔަމަންތެރިކަމެވެ.