ކޮންމެ ކަމެއްގައި ފާޑު ކިޔާ ހިތެއް ނުވެއެވެ. އެކަމަކު ފާޑު ނުކިޔާވެސް ވާކަށް ނެތެވެ. ކޮވިޑް-19 އަށް ޖަހަން ޖެހޭ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ދިގު ކިޔު ތަކުގައި އެތައް ގަޑި އިރެއް ހޭދަ ކުރަން ޖެހެންޏާ ފާޑު ކިޔާނެއެވެ.

އެޗްޕީއޭ އަށް މި ނޫން އިންތިޒާމެއް ހަމަޖައްސަން ނޭނގުނީމައި ރައްޔިތުންގެ އުދާސްތައް ކޮޅުންލައި އެވާހަކަ ދައްކާނެއެވެ.

ކޮވިޑް-19 އިގެ ވެކްސިންގެ 2 ވަނަ ޑޯޒް މާލެ ސަރަހައްދުގެ 7 ސެންޓަރަކުން 2 ގައި 45 މިނެޓަށް ޖަހައި ދޭއިރު އެއިން ކޮންމެ ސެންޓަރެއް ރޭގަނޑު 8 ޖަހާއިރު އޮންނަނީ ފުރިފައެވެ. ވެކްސިން ކިޔު ލޮލުކޮޅަށް ނުފެންނަ ވަރަށް ގޮސް އޮންނަނީ އޮބާފައެވެ. ވެކްސިން ގަޑި ފެށެނީ ރޭގަނޑު 9 އިން ކަމަށް ވިޔަސް 8 ޖެހީން ސުރެ ކިޔު އަށް އަރާ ހުރެގެން ނޫނީ ފަސޭހަ ރަހުމަތެއްގައި ލައްވާ ގޮތެއް ނުވެއެވެ.

"މީ 2 ވަނަ ރޭ ކިޔުއަށް އެރި، ރޭގަ 600 މީހުންނަށޯ ޖަހަނީ ބުނީ މަށާ ލައްވާލި އިރު، އެތާ ހުރެހުރެ 2 ފައި ކޮޅަށް ލޭ ފައިބާ ވަރުވެގެން ދޮރުމައްޗަށް ދެވުމުން ވެސް ނުވެއްދި"
ޥެކްސިން ކިޔުގައި ސޯޝަލް ސެންޓަރުގައި ހުރި ދެބައި އުމުރު މީހެއް

ސޯޝަލް ސެންޓަރުގައި ވެކްސިން އިންތިޒާމުތައް ބަލާލަން އަހަރެން ދިޔައީ އެ ސެންޓަރުގެ ދޮރުމަތީގައި 3 ކިޔު އެއް އޮތީމައެވެ. 1 ކިޔު އަކީ އާންމު ރައްޔިތުންގެ ކިޔުއެވެ. ދެން އޮތީ، އުމުރުން ދުވަސް ވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކިޔުއެކެވެ. އެ ކިޔުގައި މާ ގިނަ މީހަކު ނެތެވެ. ދެން އޮތީ އޮފީސްތަކުގެ މުވައްޒަފުންގެ ކިޔުއެކެވެ. އެ ކިޔުއަށް އެރެނީ އޮފީހެއްގައި އުޅޭކަން އެނގޭނެ ލިޔުމެއް އޮތިއްޔާއެވެ. އެ ކިޔުވެސް މާ ދިގެއް ނޫނެވެ.

ދިގުވެ ކޮޅު ނުފެންނަ ރައްޔިތުންގެ ކިޔު ގައި ތިބީ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންގުޅޭ މީހުންނާއި، ލިޔެކިޔުމެއް ނެތް ބިދޭސީންނެވެ. ދިވެހިންނަށް ވުރެ އެމީހުން ގިނައެވެ.

ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަނީ، ފުރަތަމަ ޑޯޒް ޖެހިތާ "އެ ތާރީހުން މި ތާރީހަށް" އެވެ. ތާރީހު ދީފައި އޮންނަނީ ފުރަތަމަ ޑޯޒް ޖެހިތާ 14 ވަރަކަށް ދުވަހުގެ މުއްދަތަށް ފެތޭ އެންމެނަށެވެ. މިސާލަކަށް ފެބްރުއަރީ 1 އިން 14 އާ ދެމެދު ފުރަތަމަ ޑޯޒް ޖެހި އެންމެން ދެން މިހާރު 2 ވަނަ ޑޯޒް ޖަހަން ދާން ވީއެވެ. ފުރަތަމަ ޑޯޒް ޖެހި އިރު ދާއިމީ ބައްޔަކަށް ބޭސް ކާތީ ލިބުނު ޕްރިއޯރިޓީ ނުވަތަ އިސްކަމެއް 2 ވަނަ ޑޯޒަކު ނުލިބެއެވެ. ކަކުލު ހުޅުގައި ރިއްސިޔަސް، ލޭ މައްޗަށް ދިޔަޔަސް ރައްޔިތުންގެ ކިޔުގައި 3-4 ގަޑިއިރު ހުރުން ނޫން ގޮތެއް ނެތެވެ. އޮފީހެއްގައި އުޅޭ މީހާ، އޮފީސް ކާޑު ދައްކާލުުމުން، ރައްޔިތުންގެ ބައިން އިސްތިސްނާވެ "ފާސްޓް ޓާރެކް" ގައި ގޮސް ޖަހާލެވެއެވެ.

ރައްޔިތުންނަށް ތަކުލީފު ކުޑަވާ ގޮތަށް އެޗްޕީއޭއަށް މިކަން އިންތިޒާމު ކޮށްލަން ނޭނގިގެން މިއުޅެނީ ކީއްވެތޯއެވެ. ކޮވިޑް ފެތުރޭތީ މާސްކު އެޅުމާއި، ގޭ ބަންދު ކުރުމާއި، 5 މީހުންނަށް ވުރެ ގިނައިން އެއް ނުވެވުމާއި އެހެން ގޮސް އެޅި ހުރިހާ ހުރަހެއްގައިވެސް ތާށިވާން ޖެހުނު ބަޔަކީ ކާޑެއް، ލިޔުމެއް ނެތް ރައްޔިތުންނެވެ. 2 ވަނަ ޑޯޒްގައިވެސް މި ކަން މިއޮތީ ރައްޔިތު މީހާއަށެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގައި އަމަލު ކުރި ގޮތަށް ގިންތިތަކެއް ކަނޑައެޅުން ނުވަތަ، ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކޮންމެ މީހެއްގެ ފޯނަށް ޓޯކަން ނަންބަރެއް ފޮނުވުން، ނުވަތަ 2 ވަނަ ޑޯޒް ޖަހަން ދާން ވީ ދުވަހާއި ގަޑިއާއި ތަން އެސްއެމްއެސް އަކުން ފޮނުވާލުން ފަދަ ކަމެއް ކުރަން ނޭނގެނީހެއްޔެވެ. އަދި ދިވެހިންނަށް ވުރެ ބިދޭސީން ގިނަކަން އެނގޭ އިރު، އަދި ކިޔުތައް ފުރާލަނީވެސް ބިދޭސީންކަން އެނގޭ އިރު އެމީހުންނަށް ވަކި ކިޔުއެއް ނުވަތަ ވަކި މަރުކަޒެއް ހާއްސަ ކުރަންވެސް ހިތައް ނާންނަނީހެއްޔެވެ. ނުވަތަ ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ރައްޔިތުން ކިޔުގައި ތިބޭ ގޮތާއި، ތިބޭ ވަގުތާއި އެ އުދާސްކަން އެޗްޕީއޭއަށް ނުފެންނަނީ ހެއްޔެވެ.

ވެކްސިންގެ ކަންކަން ބަލަހައްޓަން ހަދައިގެން އުޅޭ ޕޯޓަލުގެ ބޭނުނަކީ ކޮބާތޯވެސް އެބަ ހިތައް އަރައެވެ. އޭގައި ރަޖިސްޓާ ކުރިޔަސް ނުކުރިޔަސް ވާ ކަމެއް ހަރާމެވެ. ތަރުތީބެއް އިންތިޒާމެއް ނެތެވެ. ދެފައިކޮޅު ވާޅުވެ ދާއިރުވެސް ވެކްސިން ޖެހޭނެ ގޮތެއް ނުވެއެވެ.