ކުޅުދުއްފުށީގައި ހުންނަ ބީއެމްއެލް އޭޓީއެމް ސެންޓަރު އަޕްގްރޭޑްކޮށް ހިދުމަތްދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ސެންޓަރަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށާފައިވާވެ. އެ ސެލްފް ސާވިސް ސެންޓަރު ގާއިމްކޮށްފައި ވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.

އެ ރަށުގައި ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާ އެކު 24 ގަޑިއިރު ބޭންކިން ހިދުމަތް މިހާރު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ސެންޓަރު މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތް ކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާ ކުރުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މިއީ ކުޅުދުއްފުށީގައި މި ގޮތަށް ގާއިމް ކުރި ދެވަނަ ސެލްފް ސާވިސް ބޭންކިން ސެންޓަރެވެ. ފުރަތަމަ ސެލްފް ސާވިސް ސެންޓަރު ގާއިމްކޮށްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.

ބީއެމްއެލުން ވަނީ ހދ. މަކުނުދޫ އާއި ގދ ފަރެސްމާތޮޑާގައި ވެސް ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު މިހާތަނަށް 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ވެސް ބީއެމްއެލުން އަންނަނީ ފޯރުކޮށް ދެމުންނެވެ.

ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.