ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާއިން ކާމިޔާބު ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއާއި ވިލިމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވި ނަހުލާ އަލީ، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން ކެންޕެއިން ކުރަން ފަށައިފިއެވެ.
ރެއިން ފެށިގެން އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް އާއި ޕީއެންސީގެ ބައެއް ސަޕޯޓަރުން ގެންދަނީ ކެމްޕޭން ކުރަމުންނެވެ. އަދި ދެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ގެންދަވަނީ ޑެޕިއުޓީ މޭޔަރަކަށް އެންމެ ރަނގަޅީ ޝުޖާއު ކަމަށް ވިދާޅުވަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހަމްދާން ޝަކީލް ވިދާޅުވީ ޝުޖާއުއަކީ ޒުވާނުންގެ ތެރެއިން ނުކުތް ބޭފުޅެއް ކަމަށާއި ޝުޖާއަކީ ގާބިލް މެނޭޖަރެއް ކަމަށެވެ. އަދި އެއީ ހިންގުންތެރިއެއްގެ އިތުރުން ބަހުގެ އިތުބާރު އޮތް ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބައެެއް ސަޕޯޓަރުން ބުނެފައި ވަނީ ޕީޕީއެމް އެންމެ ހާލުގަ ޖެހިފަ އޮތް ދުވަހު އަޅާލާނެ އެހީތެރިއެއް ނެތްދުވަހު ޕާޓީނަގާ ކޮނޑުޖަހައިގެން ޕާޓީ ޕާޓީއަކަށް އެތައް ގުރުބާނެއްވެގެން ހައްދަވައިދެއްވި ބޭފުޅަކީ ޝުޖާއު ކަމަށެވެ.
އެ ފަދަ އެތައް ސަބަބަކަށްޓަަކައި ކަންކަން ރަނގަޅަށް ކުރުމަށް ޑެޕިއުޓީ މޭޔަރ ކަމަށް އެއްމެ ހައްގީ އަދި އެމަގާމަށް ތަޖުރިބާ ހުރި ބޭފުޅަކީ ސުޖާއު ކަމަށް ބައެއް ސަޕޯޓަރުން ވަނީ ބުނެފައެވެ.
އަދި ޑެޕިއުޓީ މޭޔަރު ކަމަށް ގެނައުމަށް އެންމެ ރަނގަޅީ ޕީޕީއެމުން "އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ" ކާމިޔާބު ކުރި ކެންޑިޑޭޓު، ވިލިމާލެ ދާއިރާގެ މެންބަރު ކަމަށް ހޮވުނު ނަހުލާ އަލީ ކަމަށްވެސް ބައެއް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު 2020 ހުޅުމާލޭ ދާއިރާ ގޮނޑި ޝުޖާއު ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރިޒްނާ ޒަރީރާ ވާދަ ކުރައްވާ ބޮޑު ތަފާތަކުންނެވެ.
ނަތީޖާތަކަށް ބަލާއިރު ޝުޖާއު ވަނީ 66.8 ޕަސަންޓު ވޯޓު ކާމިޔާބު ކުރައްވާފައެވެ. އަދި ރިޒްނާ އަށް ލިބުނީ 28.6 ޕަސަންޓް ވޯޓެވެ. ބާކީ ހުރިހާ ވޯޓެއް ރިޒްނާއަށް ލިބުނު ނަމަވެސް ޝުޖާގެ މައްޗަށް ރިޒްނާއަށް ކާމިޔާބު ނުހޯދޭ ވަރުގެ ފަރަގު ބޮޑެވެ.