ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ފިލްމީ ސިނާއަތުން، މަހާރާޝްތުރާގެ ޗީފް މިނިސްޓަރު އިއުލާން ކުރެއްވި 15 ދުވަހުގެ ކާފިއު ތަންފީޒު ކުރުމަށް އެއްބަސްވެއްޖެއެވެ.

ނަމަވެސް އިންޑިއާގެ ފިލްމީ ސިނާއަތުން މިކަމަށް އެއްބަސްވީ ޝަރުތަކާއެކުގައެވެ. އިންޑިއާގެ ފިލްމީ ސިނާއަތުގެ ކޯޑިނޭޝަން ކޮމިޓީއިން 15 ދުވަހުގެ ކާފިއުއަށް އެއްބަސްވީ، ދުވަހު އުސޫލުން އާމްދަނީ ލިބޭ އުމްރާނީ ބިނާވެށީގެ މަސައްކަތުގައި އުޅޭ މަސައްކަތްތެރިންނާ، ރިކްޝޯ ދުއްވާ ޑްރައިވަރުންނަށް ސަރުކާރުން ފޯރުކޮށްދޭ ފަދަ މާލީ އެހީތެރިކަމެއް، ފިލްމީ ސިނާއަތަށްވެސް ފޯރުކޮށްދޭ މަތިންނެވެ.

ފެޑަރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނޭ އެމްޕްލޯއީޒް ގެ އަޝޯކް ޑޫބޭ ބުނީ، ކާފިއު ތަންފީޒު ކުރާނެ ކަމަށާ، އެޕްރިލް 30، 2021 ގެ ނިޔަލަށް ހުރިހާ ޝޫޓިންތަކެއް ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ފިލްމީ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ދުވަހު އުސޫލުން އާމްދަނީ ލިބޭ މީހުންނަށް ސަރުކާރުން މާލީ އެހީ ފޯރުކޮށްދިނުމަށް އެދޭ ކަމަށްވެސް ޑޫބޭ ބުންޏެވެ. މިހާރުވެސް މިފަދަ ލިސްޓެއް، އެކައުންޓް ނަންބަރުތަކާއެކު އެކުލަވާލާ، ސަރުކާރާ ހިއްސާ ކުރަން ތައްޔާރަށް އެބަ އޮތް ކަމަށް އޭނާ ބުނެއެވެ.

މަހާރާޝްތުރާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކޮންސްޓްރަކްޝަން މަސައްކަތްތެރިންނަށް އެމީހުންގެ ވަޒީފާ އަދާ ކުރެވިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ މަސައްކަތު ސައިޓުން ބޭރަށް ނުދެވޭ ގޮތަށް އެމީހުން އެތަނުގައި ތިބެގެން މަސައްކަތް ކުރާ އުސޫލުންނެވެ. ކަން މިހެން އޮތް އިރު، އަޝޯކް ޑޫބޭ ވަނީ، ފިލްމުތަކަށް ތައްޔާރު ކުރާ ސެޓްތައް ބިނާ ކުރުމުގެ މަސައްކަތުގައި ކޮންސްޓްރަކްޝަން މަސައްކަތްތެރިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް، ސަރުކާރަށް ގޮވާލާފައެވެ.

އަޝޯކް ޑޫބޭ ވަނީ، އެ ކުޅިވަރަކަށްޓަކާ އިންޑިއާ ފަހްރުވެރިވާ ކުރިކެޓް މުބާރާތެއް ކަމަށްވާ އައިޕީއެލް، ހާއްސަ ބަބްލްއެއްގެ ތެރޭގައި މިހާރުވެސް ކުރިއަށްދާތީ، ފިލްމީ ސިނާއަތަށްވެސް އެފަދަ ފުރުސަތަކަށް އެދޭނެ ކަމަށް ބުނެފައެވެ.

ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އިންޑިއާ މިހާރު އޮތީ، ކޮވިޑްގެ ނުރައްކާ، 2 ވަނައަށް އެންމެ ބޮޑު ގައުމުގެ ގޮތުގައެވެ. އިންޑިއާއިން މިހާރު ކޮންމެ ދުވަހަކުވެސް ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން ދާއިރު، ބޮލީވުޑްގެ މަޝްހޫރު ބަތޮލުންވެސް ޕޮޒިޓިވް ވަމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ.