އޮއްސެމުންދިޔަ އިރުގެ ދޯދިތައް އުޑުމަތީގައި ވި ވިލާތަކުގައި ޖައްސަމުން ދިޔަ ކުލަތަކަށް ގެއްލިފައި އިން އަސްމާގެ ހަށިގަނޑު ހަމަހިމޭން ވެފައި ވީ ނަމަވެސް، އޭނާގެ އެތެރެހަށީގައި ވަނީ ދުލުން ބަޔާން ނުކުރެވޭނޭ ފަދަ ބޮޑު ތޫފާނެކެވެ. ދުއްވާ އުޅަނދުތަކުގެ އަޑު ފަޒާގައި ވަކި ހިއްޕާލާފައި ވީ ނަމަވެސް، އަސްމާގެ ސިކުނޑި އޭނާއާ ކުރަމުން ދަނީ މުޅިން އެހެން ސަމާސާއެކެވެ. މެލޭޝިއާގެ އެހަލަބޮލި މާހައުލުގައި އަސްމާ ދިރިއުޅެމުން ދާތާ މިހާރު އަށް މަސް ވެފައި ވީ އިރުވެސް އެ ފަސްގަނޑަކީ އޭނާއަށް ބީރައްޓެހި ތަނެކެވެ.

އޭނާގެ ޙަޤީޤީ ދިރިއުޅުމަކީ މިޔަންމާގެ ފަސްގަނޑުގައި އޭނާ ދިރިއުޅެމުން އައި ދިރިއުޅުމެވެ. އޭނާގެ ފިރިމީހާ، ސަލީމް އާއި ފަނަރައަހަރުގެ ފިރިހެން ދަރިފުޅު، އާޝިފް އާއި އެންމެ އަހަރެއްވެސް ނުފުރޭ ކުޑަކުޑަ ސަބާއާއި ސަމާއާ އެކު އުޅެމުން އައި ދިރިއުޅުމެވެ. ފައިސާ ހޯދުމަށް ސަލީމް ކުރާ މަސައްކަތަކީ މަސް ބޭނުމެވެ. ފަތިހު މަސްބާނަންގޮސް އޭނާ އެނބުރި ގެއަށް އަންނާނީ މަސްކޮޅު ވިއްކާ ނިންމައިގެން، އިރުއޮއްސޭ ފަހުންނެވެ. މަސްބާނައިގެން ލިބޭ ފައިސާ އިން ގޭގެ ބޭނުންތައް ފުއްދާލެވެއެވެ. އަސްމާ ހުންނަނީ ގޭގައި ކުދިން ބަލާށެވެ. އޭނާގެ ދަރިފުޅު، އާޝިފް އަކީ ސްކޫލުގައިވެސް ނަން ވިދާ، އަޚްލާޤު ރަނގަޅު ކުއްޖެކެވެ. އާޝިފްގެ އިތުރުން އަސްމާ އަށް ލިބިފައިވާ އެއްމާބަނޑު ދެއަންހެން ކުދިން ކަމުގައި ސަބާއާއި ސަމާއަކީ، އެގޭގެ ދިރުމެވެ. އެމީހުންނަށް ލިބިފައިވާ ތިން ކުދިންނަކީ އަސްމާއާއި ސަލީމްގެ ފުރާނައެވެ. މިޔަންމާގައި އަސްމާ ދިރިއުޅެމުން އައީ ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމެކެވެ.

ނަމަވެސް އޭނާގެ އެއުފާވެރި ދިރިއުޅުން ކަޅުވިލާތަކަކުން ބައްދާލީ ވިސްނާވެސް ނުލާ ހުއްޓައެވެ. އޭރު ސަބާއާއި ސަމާއަށް އެންމެ ދޮޅުއަހަރެވެ. އާޝިފް އަށް ސޯޅަ އަހަރެވެ. އެއް ދުވަހަކު ސަލީމް މަހަށް ގޮސް ރޭގަނޑު ދިހައެއް ޖެހިއިރުވެސް ގެއަށް ނައުމުން ސަލީމް ހޯދުމަށްޓަކައި އޭނާގެ އެކުވެރިންތަކެއް ނިކުތެވެ. ސަލީމް އަކީ އެންމެ ލަސްވެގެންވެސް ހަތެއް ޖެހުމުގެ ކުރިން ގެއަށް އަންނަ މީހެކެވެ. އަސްމާ ހިތްނުތަނަވަސް ވެފައި ވާ ހާލު، ސަލީމް ފެންނާނެ ކަމުގެ އުންމީދުގައި ﷲއަށް ދުޢާ ކޮށްލަ ކޮށްލާ އިރުއަރަންދެން ހޭލާ ހުއްޓެވެ. ނަމަވެސް އެމީހުން އެނބުރި އައިސް އޭނާއަށް ދިން ޚަބަރުން އަސްމާ އަށް ހީވީ އޭނާގެ ފައިތިލަދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ހަފްތާއެއްހާ ދުވަސް ވަންދެން އެމީހުން ހުއްޓުމެއްނެތި ސަލީމް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔައީ ސަލީމް ނުފެނުނު ތާނގައި، ސަލީމް މަސްބާނަން ދާ ބޮއްކުރާވެސް ނުފެނުމުންނެވެ. އަސްމާގެ ހިތްކުދިކުދިވިއެވެ. ގެއްލިގެން އެ ދިޔައީ އޭނާގެ ފިރިމީހާގެ އިތުރުން، ތިންކުދިންގެ ބައްޕައެކެވެ. އަމިއްލަ ހާލަތު ބަޔާން ނުކުރެވޭ ހާލު އޭނާގެ އަމިއްލަ ސިކުނޑީގެ ތެރޭގައި އޭނާ ބަންދުވިއެވެ.

\ކުއްލިއަކަށް ސަލީމް ގެއްލުމުން އާޝިފްއަށް ވެސް ދިޔައީ އެތަކެއް ގިނަ އަސަރުތަކެއް ކުރަމުންނެވެ. ނަމަވެސް އޭނާގެ ހިތުގެ އުދާސްތައް އޭނާ ސިއްރު ކުރަމުން ދިޔައީ އޭނާގެ އާއިލާއަށްޓަކައެވެ. އޭނާގެ ބައްޕަ އަބަދުވެސް ބުނެ އުޅެއެވެ. "އިންސާނަކަށް އެންމެ މުހިންމު އެއްޗަކީ އުންމީދާއި ހިތްވަރެވެ. އުނދަގޫ ދަނޑިވަޅުތަކުގައި އެކަމުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރާށެވެ. ދެން އެކަމުން އަރައިގަތުމަށް ހިތްވަރާ އެކީގައި މަސައްކަތް ކުރާށެވެ." ބައްޕަގެ ހަނދާން ތަކަކީ ދުވަހަކުވެސް ނުފިލާނެ ހަނދާން ތަކެކެވެ. ނަމަވެސް އޭނާވެސް ވެއްޓުނު އަނދިރި ވަޅުގަނޑުން އަރައިގަނެ ދިރިއުޅުމާއިގެން ކުރިއަށް ދާން ދަސްކުރިއެވެ. މާޒީގެ އަނދިރި ޞަފްޙާއެއްގައި ތާށިވެފައި ހުރުމުގެ ބަދަލުގައި އެ ޞަފްޙާއިން ޢިބުރަތް ލިބިގަނެގެން ކުރިއަށް ދިއުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ.

ސްކޫލް ނިންމާފައި ގެއަށް އައިސް ލިބޭ ވަގުތުތަކުގައި ގޭގޭގައި މަސައްކަތް ކޮށްދީ ހަދައިގެން އާޝިފް ފައިސާ ހޯދަމުން ދިޔައެވެ. އެ ލިބޭ ފައިސާއިން ގޭތެރޭގެ ޚަރަދުތައް ބަލަހައްޓާފައި އެތިކޮޅެއް ފޮރުވަމުން ދިޔައެވެ. އޭނާ ފޮރުވަމުން ދިޔަ ފައިސާއިން އޭނާގެ މަންމައަށް ފަހާފޮށްޓަކާއި ފެހުމަށް ބޭނުންވާނެ އެހެނިހެން ސާމާނުތައްވެސް ހޯދައިދިނެވެ. އާޝިފް ހޯދައިދިން އެއްޗެހި ބޭނުންކޮށްގެން އަސްމާ މީހުންނަށް އެއްޗެހި ފަހައިދީގެން ފައިސާ ހޯދަން ފެށިއެވެ. އަސްމާއާއި އާޝިފްގެ ބުރަ މަސައްކަތުން އެއާއިލާގެ ދިރިއުޅުން ނަގާ ކޮޅަށް ޖެހިއެވެ. ދޮޅުއަހަރެއްހާ ދުވަހު އެމީހުން އުފާވެރިކަމާ އެކީ ހޭދަކުރިއެވެ. ނަމަވެސް އަނެއްކާވެސް އެމީހުންގެ ދިރިއުޅުން ބަނަކޮށްލީ އަސްމާގެ ހިތް ކޮށާ، ކުދިކުދި ކުރަމުންނެވެ.

އެދުވަސްވަރަކީ މިޔަންމާގެ ސަރުކާރާއި ރޮހިންޖާ މުސްލިމުންނާއި ދޭތެރޭގައި އޮތް ހަމަނުޖެހުން އެންމެ ބޮޑުވި ދުވަސްކޮޅެވެ. އަސްމާ އޭނާގެ ދެއަންހެންކުދިން އޭނާގެ އެކުވެރި، ފާތިމާއާ ހަވާލުކޮށްފައި ދިޔައީ އޭނާ ފަހާފައިވާ ހެދުމެއް ހަވާލު ކުރަންވެގެންނެވެ. އޭރު އާޝިފް އުޅެނީ ޖެހިގެން ހުރި ގޭގައި ފަންކާއެއް ހަރުކޮށްދޭން ވެގެންނެވެ. އެދުވަހު އަސްމާ ދިޔައީ އެނބުރި އަންނައިރު އޭނާގެ މުޅިދިރިއުޅުން އަނދާއަޅިއަށް ވެދާނެކަމަށް ހީކޮށްގެންނެއް ނޫނެވެ. ނަމަވެސް އޭނާ އެނބުރި އައި އިރު ފެނުނު މަންޒަރުން އޭނާގެ ލޯމައްޗަށް އަނދިރިވިހެން ހީވިއެވެ. އެ ހިސާބުގަނޑުގައި ހުރި ގެތަކެއްގައި އަލިފާން ރޯވެފައި ހުރި އިރު އޭގެ ތެރޭގައި އޭނާގެ ގެވެސް ހިމެނިގެން ދިޔައެވެ. މަގުމަތީގައި ފާތިމާ އަސްމާގެ ދެކުދިން ގޮވައިގެން ހުރިއިރު އަސްމާގެ ދެލޯ ހޯދަމުން ދިޔައީ އާޝިފްއެވެ. އޭރު އެތާނގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިން ދިޔައީ އާންމުންނަށް ހަމަލާ ދެމުންނެވެ. ލެއިން ތަތްތެޅިފައިވާ ހާލު ބިންމަތީގައި އޮތް އާޝިފް ފެނުމުން އޭނާއަށް ދުވެފައިގޮސް އާޝިފްގެ ގައިގައި އޮޅުލައިގަނެވުނެވެ. އާޝިފް ނޭވާ ނުލާކަން އިނގުމުން އޭނާއަށް ދުނިޔެ ހުއްޓުނުކަހަލަ އިހުސާސެއް ކުރެވުނެވެ. އަޑުން އަޑުނަގާ ރޮއެ، އެހީއަކަށް އެދި އާދޭސް ކުރެވުނު ނަމަވެސް އޭނާއަށް އެހީވާނެ މީހަކު ނައެވެ. އޭނާގެ އާދޭހުގެ އަޑު ފަޒާގެ ތެރެއަށް އޮބިގެން ދިޔައީ އެތައް ބައެއްގެ ރުއިމުގެ އަޑާވެސް އެއްކޮށެވެ. އެންމެންވެސް ވަނީ އެއްހާލެއްގައެވެ. އެތަކެއް ލެއާއި ދާއޮހޮރުވައިގެން މީހުން ބިނާކުރަމުން އައި ދިރިއުޅުން ތަޅާ ސުންނާފަތި ކުރަމުން އައި ސިފައިންގެ ހިތުގައި ރަހުމެއްނެތެވެ. ކުޑަކުދިންގެ ކުރިމަތީގައި އެކުދިންގެ މައިންބަފައިން މަރަމުން ދިޔައިރު އެކުދިންގެ ހިތުގައި އެޅޭނީ ކިހާވަރެއްގެ ރެނދެއް ކަމެއް އެމީހުންނަކަށް ނުވިސްނެެއެވެ. ކުށެއް ނެތް ޅަދަރިންގެ ކަރަށް ފިތާ ބާރުކުރަމުން ދިޔަ އިރު އެ ނިވާލެވެނީ މަޔަކާއި ބަފައެއްގެ އުންމީދުގެ ހުޅުކޮޅުކަމެއް އެމީހުންނަކަށް ނޭނގެއެވެ. މުޅި ހިސާބުގައި ވި ދުން، ވަށއިގެން ވި މާހައުލު ބަނަކުރަމުން ދިޔައީ އެތައް ބައެއްގެ ދިރިއުޅުމާވެސް އެކީގައެވެ.

އެދުވަހު ސިފައިން އެތަނުން ދިޔައިރު އެތައްބައެއްގެ ދިރިއުޅުން ވަނީ އެފުއް މިފުށަށް ޖެހިފައެވެ. އެތައް ބަޔަކު ދާނެ ވަކިތަނެއް ނެތި ބިކަވި އިރު، އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކުރިއަށް އޮތް ތާނގައި ލިބިދާނެ އަނިޔާއަކުން ސަލާމަތް ވުމަށްޓަކައި އެތައް ބަޔަކު ބަންގްލަދޭޝް، ތައިލޭންޑް އަދި މެލޭޝިއާއަށް ދިރިއުޅުން ބަދަލުކުރި އިރު އަސްމާ ހިމެނުނީ މެލޭޝިއާއަށް ދިޔަ މީހުންގެ ތެރޭގައެވެ.

އަސްމާއަށް އޭނާގެ މާޒީގެ ޞަފްޙާތަކުގެ ތެރެއިން ނިކުމެވުނީ ސަބާގެ ރުއިމުގެ އަޑަށެވެ. ސަބާއާއި ސަމާ ބާއްވާފައި އޮތް އެނދާއި ދިމާލަށް އަސްމާއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އެނދުމަތީގައި އިށީނދެލައިގެން ސަބާ ރޯން އިންއިރު ދެލޯ ބޮޑުކޮށްގެން ސަބާއާ ދިމާލަށް ބަލަހައްޓައިގެން ސަމާ އޮތެވެ. އެ ފުއްކޮޅެއް ފަދަ ދެކުދިން ފެނުމާ އެކު އަސްމާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުން ވުމެކެވެ. އެނދުގެ މަގަތުގައި އިށީނދެ، ސަބާ އޭނާގެ އުނގުމައްޗަށް ލުމަށް ފަހު އެ ތުއްތު ދަރިފުޅު މަސަލަސް ކުރަން ފެށިއެވެ. އިރުކޮޅެއް ފަހުން ސަބާއަށް އަނެއްކާވެސް ނިދުނެވެ. ސަބާ އެނދުމަތީގައި ބާއްވާފައި ބަލާލި އިރު ސަމާއަށް ވެސް އޮތީ ނިދިފައެވެ. ނިދީގެ ފުން އާލަމުގެ ތެރެއަށް ގެނބިފައި އޮތް ސަމާއާއި ސަބާއަށް ބަލަހައްޓައިގެން އަސްމާ އިންއިރު އޭނާގެ ދެލޮލުން ފެންނަނީ ލޯތްބާއި ކުލުނެވެ. އެ ކުޑަކުޑަ ދެ ފުރާނައަކީ އޭނާގެ ހިތްވަރެވެ. އަނެއްކާވެސް އޭނާގެ ދިރިއުޅުން ކޮޅަށް ޖެހޭތޯ އޭނާ އެ މަސައްކަތް ކުރަނީ އެ ދެކުދިންނަށްޓަކައެވެ. ކުރިއަށް އޮތް ތާނގައި އޭނާއާ ދިމާވާނެ ފުރުސަތުތަކާއި ހުރަސްތަކެއް މިހާރު އޭނާއަކަށް ވަޒަނެއް ނުކުރެވޭނެއެވެ. ނަމަވެސް އިރު ފަރުދާ ކުރާ ކަޅުވިލާވިލާތައްވެސް އިސާހިތަކު ކެހިގެން ހިނގައިދާނެއެވެ. އޭރުން އަނެއްކާވެސް އިރު އުޑުމަތީގައި ރަސްކަން ކުރަން ފަށާނެއެވެ. ކޮންމެ ވިއްސާރަ ގަނޑަކާވެސް އަސްމާ ކުރިމަތިލާނީ ދެން އުޑުމަތިން ފެންނާނެ ވިއްސާރަދުނި ހޯދުމުގެ ނިޔަތުގައެވެ.

- ނިމުނީ -