އެމެރިކާގެ މިނެސޯޓާގެ ބްރޫކްލީން ސެންޓަރުގައި، ކަޅު ނަސްލުގެ ފިރިހެނެއްގެ ގަޔަށް ބަޑިޖަހާ "މަރާލެވުނީ އޮޅުމަކުން" ކަމަށް، އެމެރިކާގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޕޮލީސް ޗީފް ޓިމް ގެނޮން ވިދާޅުވީ، އުމުރުން 20 އަހަރުގެ ޑޯންޓޭ ރައިޓް ނަމަކަށް ކިއާ ޒުވާނާގެ ގަޔަށް "ބަޑިޖެހުނީ" ފުލުސް އޮފިސަރަށް އެރި އޮޅުމެއްގެ ތެރެއިން، ޓޭޒާ ބަޑިއެއް ކަމަށް ހީކޮށް ކަމަށެވެ.

ޑޯންޓޭ ރައިޓްގެ ގަޔަށް ބަޑިޖަހާ މަރާލި މައްސަލައާ ގުޅިގެން އެމެރިކާގައި އަނެއްކާވެސް ވަނީ މުޒާހަރާތައް ފަށާފައެވެ. މުޒާހަރާތަކާ ގުޅިގެން ކާފިއުވެސް ވަނީ އިއުލާން ކޮށްފައެވެ.

އެމެރިކާގެ ފުލުހުން، ޑޯންޓޭ ރައިޓް މަގުމަތިން ހުއްޓުވީ، އެއްގައުމު އުޅަނދު ދުއްވުމުގެ ގަވައިދާ ހިލާފު ވެގެންނެވެ. ނަމަވެސް އޭނާ އަލުން އަނބުރާ ކާރަށް އަރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި އޭނާއާ ދެމެދު ކުރިމަތިލުމެއް ހިނގިއެވެ.

ޗީފް ގެނޮން ވަނީ ޑޯންޓޭ ގަޔަށް ބަޑިޖެހި ފުލުސް މީހާގެ ބޮޑީ ކެމެރާއިން ރެކޯޑް ކޮށްފައިވާ މަންޒަރު ކޮޅެއް، ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައެވެ. ޑޯންޓޭ ރައިޓްގެ އަތުގައި ބިޑި އެޅުވުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި، އޭނާ ކާރަށް އަރަން ގަދަހާ ކަމާ، އަދި ޓޭޒާ ބަޑި ބޭނުން ކުރުމަށް އޮފިސަރެއް ގޮވާ އަޑު ވީޑިއޯއިން ފެނި، އިވެއެވެ. އަދި ޑޯންޓޭ ރައިޓް ކާރަށް އަރާ، ދުއްވާލާއިރު، އޭނާ ގަޔަށް ބަޑިޖެހި ކަމަށް އޮފިސަރު ބުނާ އަޑުވެސް އިވެއެވެ.

ބަޑީގެ ހަމަލާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން، ޑޯންޓޭ ރައިޓް މަރުވީ ހަމަނުޖެހުން ހިނގި ސަރަހައްދާ ތަންކޮޅެއް ދުރުގައެވެ.

ޑޯންޓޭ ރައިޓްގެ ގަޔަށް ބަޑިޖެހި އޮފިސަރު މިވަގުތު ހުރީ "އިދާރީ ޗުއްޓީ" އެއްގައި ކަމަށް ހަބަރު ލިބެއެވެ.