އެކި ކަހަލަ ތަފާތުތަކާ ބައިބައިވުންތައް ދޫކޮށް، ހުއްޖަތް ލިބެނިވި ސަބަބު ބަޔާންކުރާ ބަސްމަގެއް އިހްތިޔާރު ކުރުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބުން ޢަބްދުލްޢަޒީޒު އަލް ސައޫދު، އިސްލާމީ އުއްމަތަށް ގޮވާލައްވައިފިއެވެ.
ސައުދީގެ ސަލްމާން ރަސްގެފާނު، އިސްލާމީ އުއްމަތަށް މިފަދައިން ގޮވާލައްވާފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ރަމަޟާން މަހުގެ އަޅުކަމަށް ފެށުމާއެކު ދެއްވި ހާއްސަ މެސެޖުގައެވެ.
މީގެ އިތުރުން ސަލްމާން ރަސްގެފާނު ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަޅާ ފިޔަވަޅުތަކަށް ހުރިހާ އެންމެންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށާ، ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖެހުމަށްވެސް ގޮވާލައްވާފައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ، ކޮވިޑް-19 އާ ދެކޮލަށް ސައުދީއިން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކަކީ ކާމިޔާބު ފިޔަވަޅުތަކެއް ކަމަށެވެ. އަދި މާތްވެގެންވާ ދެ މިސްކިތުގައި ރައްކާތެރި ކަމުގެ ގޮތުން ސައުދީއިން އަޅަމުން ދާ ފިޔަވަޅުތަކާ މެދު ފަހްރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ސަލްމާން ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.
މި ފެށުނު ރޯދަމަހާ ދިމާކޮށް، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސައުދީއިން ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، މާތްވެގެންވާ މަސްޖިދު އަލް-ޙަރަމް އަދި މަސްޖިދު އަލް-ނަބާވީގައި ކުރުކޮށް ތަރާވީހު ނަމާދު ކުރަން، މާތްވެގެންވާ 2 މިސްކިތުގެ އިސް ބެލެހެއްޓުންތެރިޔާގެ މަގާމުގައި ހުންނެވި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ވަނީ އަމުރު ކުރައްވާފައެވެ.
މުގައްދަސް ދެ މިސްކިތުގެ އިދާރީ ބެލެހެއްޓުންތަކާ އިސްވެރިޔާ، ޝައިހް ޢަބްދުއްރަޙްމާން އަލް-ސުދައިސް ވިދާޅުވީ، 2 މިސްކިތުގައި ކުރާ ތަރާވީހު ނަމާދުގައި، މި ރޯދަމަހު ކުރާނީ، 20 ރަކުއަތުގެ ބަދަލުގައި 10 ރަކުއަތް ކަމަށެވެ. އަދި ތަރާވީހު ނަމާދުގެ ކަންކަން ކުރިއަށް ދާނީ، މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރި ވުމަށް އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އޭގެ އެންމެ ފުރިހަމައަށް ތަންފީޒު ކުރަމުން ކަމަށްވެސް އަލް-ސުދައިސް ވަނީ ފާހަގަ ކުރައްވާފައެވެ.
މި ފެށުނު ރޯދަ މަހު، މާތްވެގެންވާ 2 މިސްކިތަށް ޒިޔާރަތް ކުރެވޭނީ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ކަމަށް ސައުދީއިން ވަނީ ކަނޑައަޅާފައެވެ. އަދި ޢުމްރާވެރިންގެ ކެޕޭސިޓީއަކީ 50000 ކަމަށާ، އަޅުކަން ކުރާ ޒިޔާރަތް ކުރާ ފަރާތްތަކުގެ ކެޕޭސިޓީއަކީ 100000 ކަމަށްވެސް ސައުދީއިން ވަނީ ހަމަޖައްސާފައެވެ.